ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރަށުން ބޭރުގައި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ސްޕެއިންގެ ސެވިއްޔާ ކުއާޓާ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.
ސެވިއްޔާ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ލަނޑެއް ނުޖެހި އެއްވަރު ވެފައިވަނިކޮށް، ރޭ އޯލްޑްޓްރޮފޯޑްގައި ކުޅުނު މެޗުން ސެވިއްޔާ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. ރޭގެ މެޗުގައި ސެވިއްޔާއަށް ދެ ލަނޑު ވެސް ޖަހައިދިނީ މެޗު ނިމެން 20 މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވިސާމް ބެން ޔަދާ އެވެ.
ފުރަތަމަ ލެގު އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރެން މަޖުބޫރު މެޗަކަށް ދެ ޓީމުން ރޭ ނުކުތްއިރު، ޔުނައިޓެޑްގެ އެންމެ މުހިންމު އެޓޭކިންގ މިޑްފީލްޑަރ ޕައުލް ޕޮގްބާ މެޗަށް މުޅިން ފިޓް ނުވާތީ ޔުނައިޓެޑުން މެޗު ފެށީ ބަދަލުގައި ފެލެއިނީ އަރުވައިގެންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ޕޮގްބާ ކުޅެން ނުކުތެވެ.
ފުރަތަމަ ލެގުގެ މެޗެކޭ އެއްގޮތަށް ރޭގެ މެޗުގައި ވެސް ޔުނައިޓެޑަށް އެންމެ އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ނަތީޖާއެއްގެ ގޮތުން ސެވިއްޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ޔުނައިޓެޑަށްވުރެ ގިނަ ހަމަލާތައް އުފެއްދިއެވެ.
ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނުއިރު، ސެވިއްޔާއިން ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 74 ވަނަ މިނިޓުގައެވެ. މިއީ އެވާ ބެންގާ ދިން ޕާހަކުން ވިސާމް ޖެހި ލަނޑެކެވެ. މިއީ ޗެމްޕިއަންސް ލީގުގެ މި ސީޒަންގައި
މެޗުން ރަނގަޅު ނަތީޖާއެއް ނެރުމަށް 2 ލަނޑު ޖަހަން މަޖުބޫރު ވެފައިއޮތް މެންޗެސްޓާ ޔުނައިޓެޑްގެ އުންމީދުގެ ހުޅުކޮޅު މުޅިން ނިވުނީ ފުރަތަމަ ލަނޑުގެ 4 މިނިޓް ފަހުން އަނެއްކާ ވެސް ވިސާމް ސެވިއްޔާއަށް ކާމިޔާބު ކޮށްދިން ލަނޑާއެކުގައެވެ.
ޔުނައިޓެޑްގެ ފޯވާޑް ލުކާކޫ މެޗުގެ 84 ވަނަ މިނިޓުގައި ލަނޑެއް ޖަހައިދިނަސް، ފާއިތުވި ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބި އޮތުމަށްފަހު އެނބުރި އައި ޔުނައިޓެޑަށް މިވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރާ ހަމައިން މުބާރާތާ ވަކިވާން ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް