ޤައިދީންނާއި ބަންދުމީހުންނަށް އެއްފަހަރާ ތިން ވަކީލުންނާ ބައްދަލުކުރެވޭގޮތް ހަމަޖައްސަައި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް 05 ޤާނޫނީ ވަކީލުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން އެއްފަހަރާ 03 ޤާނޫނީ ވަކީލުންނާ ބައްދަލުކުރެވޭގޮތް ހަމަޖައްސައި...

14 Feb 2020 | 10:43

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް 05 ޤާނޫނީ ވަކީލުން ރަޖިސްޓްރީކޮށް، އޭގެ ތެރެއިން އެއްފަހަރާ 03 ޤާނޫނީ ވަކީލުންނާ ބައްދަލުކުރެވޭގޮތް ހަމަޖައްސައިފިއެވެ.

މި ބަދަލު ގެނެސްފައިވަނީ ކަރެކްޝަނަލް ސަރވިސްގެ އާންމު އުޞޫލު ނަންބަރު:AU-2020/04  (ޤާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު) އަށް މިއަދު އަމަލުކުރަން ފެށުމުންނެވެ. އަދި މި އުސޫލު ކަރެކްޝަނަލް ސަރވިސްްގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ.

މި އުޞޫލަކީ ގަވާއިދު ނަންބަރު 2016/R-35 (ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން، ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤައިދީންނާއި ބަންދު މީހުންގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގައި ޢަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ އުސޫލެވެ.

ބަދަލު ގެނެވުނު މި އުޞޫލުގައި ޤާނޫނީ ވަކީލުން ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކާއި ބައްދަލުކުރުމާއި ބެހޭގޮތުން އަމަލުކުރަންވީ އުޞޫލުތަކުގެ ތަފްޞީލް ބަޔާންކުރެވިފައިވެއެވެ. މިގޮތުން ވަކީލް ބައްދަލުވުމަށް އެދި ހުށަހަޅާ ފޯމް މާލެ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 15:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް