ހިމަބިހި އަލުން ރާއްޖޭގައި ފެތުރެން ފަށާފައިވާތީ40 އަހަރުން ދަށުގެ ހުރިހާ އެންމެންނަށް ހިމަބިހިއްސަށް ދޭ ވެކްސިން ދޭން ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.
އެކަން އިއުލާނުކޮށް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި ހިމަބިހީގެ ހާލަތު ކޮންޓްރޯލް ވީ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންވެ ބައެއް ފަރާތްތަކަށް ކުރިން ވެކްސިން ޖަހާފައި ވާކަމުގެ ނުވަތަ ޖެހުނު ކަމުގެ ކަށަވަރުކަން ނުލިބޭތީ އަލުން ވެކްސިން ދޭން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ހަރަކާތް ކުރިޔަށް ގެންދާނީ30 މަސްދުވަހަށް ކަމަށެވެ. އަދި މި މުއްދަތުގައި40 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދޭއިރު ބިދޭސީން އިސްތިސްނާ ނުވާނެ ކަމަށެވެ.
މިހަރަކާތް އެންމެ ފުރަތަމަ ކުރިޔަށް ގެންދަން ނިންމާފައިވަނީ މާލެ ސަރަހައްދުގައި އެވެ. އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ދޭ މަރުކަޒުތައް ގާއިމް ކުރަން ނިންމާފައިވަނީ ދަމަނަވެށި، އަދި ސޯޝަލް ސެންޓަރު، ހުޅުމާލޭގައި ހުންނަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި އެވެ.
މި ހަރަކާތުގައި ޔުނިސެފުން ހަދިޔާކޮށްފައިވާ ދެލައްކަ ވެކްސިން ޑޯޒް އާއި އިންޑިއާއިން ހަދިޔާ ކުރި 30،000 ވެކްސިންގެ ޑޯޒް ބޭނުން ކުރާނެ އެވެ.
އަލުން ހިމަބިހި ފެތުރެން ފެށިފަހުން މިހާތަނަށް ހަތްހާހަށްވުރެ ގިނަ މީހުން ހިމަބިއްސަށް ޓެސްޓުކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައްޔަށް ޕޮސިޓިވް ވެފައިވަނީ ނުވަ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް