އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ ކަމުގައި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒް ރަޝީދު މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ބެހޭގޮތުން އޭސީސީން އާންމުކުރި ރިޕޯޓާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"އަޅުގަނޑަށް އަދި އަޅުގަނޑަށް ނިސްބަތްކޮށް އެއްވެސް ބަޔަކަށް ނުވަތަ ކުންފުންޏަކަށް ވިޔަސް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެއެވެ." ރިޔާޒް ރަޝީދު ވިދާޅުވެފައިވެއެވެ.
ރިޔާޒްގެ ބަޔާނުގައި ވިދާޅުވެފައިވަނީ މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑާއި، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއިމެދު ހިނގައިދިޔަ ވިޔަފާރި މުއާމަލާތެއްގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޕޭމަންޓެއް، މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން އޭނާގެ ބޭންކް އެކައުންޓަށް ޑިޕޮސިޓްކޮށްފައިވާކަމަށެވެ.
"މި ފައިސާ އަޅުގަނޑުގެ އެކައުންޓަށް ޑިޕޮސިޓްކުރަންޖެހުނީ އެވަގުތު މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓް ފްރީޒްކޮށްފައިވާތީއެވެ. ދެންނެވުނުހެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާ އަޅުގނޑުގެ އެކައުންތަށް ޗެކަކުން ޖަމާ ކުރުމުން، އެ ފައިސާ އަޅުގަނޑުގެ އެކައުންޓަށް ރިއަލައިޒް ވުމާއެކު، މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑުގެ އެހެން ބޭންކެއްގެ އެކައުންޓަކަށް އެ އަދަދު އަޅުގަނޑު ވާނީ ޗެކަކުން ޖަމާކޮށްފައެވެ." ރިޔާޒް ރަޝީދުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ މި ވާހަކަތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގައިވެސް ކިޔައިދީފައިވާ ވާހަކަތަކެއް ކަމުގައިވާތީ އާއި މި މުއާމަލާތްތައް މިގޮތުގައި ހިނގާފައިވާކަން އެނގެން އޮތް އިރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ގާނޫނީ ސަބަބެއްނެތި އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމަށް ދައްކުވައި މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ ގޮތުން ކުރެވޭ ކަމެއްކަން ފާހަގަކުރާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވެ، ކަމުގެ ހަގީގަތް ނޯޅޭނެގޮތަކަށް ކަންކަން ތަރުތީބު ކުރުމަކީ އެ އިދާރާތަކުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ގާނޫނާއި ހިލާފު އެއްވެސް އަމަލެއްގައި އަޅުގަނޑު ބައިވެރިވެފައި ނުވާނެއެވެ. ވީމާ މިކަން އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ." ރިޔާޒް ރަޝީދުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ތަހްގީގުން ދައްކައެވެ. އެގޮތުން ރިޔާޒު ރަޝީދު ހ.ޓައިމްލެސް/އޯކިޑްމާގެ ތ.މަޑިފުށި އެކައުންޓަށް އެސްއޯއެފް އެކައުންޓުން ވަނީ 424،225 ޑޮލަރު (6.542 މިލިއަން ރުފިޔާ) ޖަމާކޮށްދީފައިވާކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓްގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް