ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި މައްސަލަ ބެލުމަށްފަހު ގޯހެއް އުޅޭނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ފައިސާތައް މީހުންގެ އެކައުންޓްތަކަށް ޖަމާކުރަން ބޭނުންކުރި އެސްއޯއެފް ކުންފުނިން މިނިސްޓަރަށް 33000 އެމެރިކާ ޑޮލަރު ނުވަތަ 508،860 ރުފިޔާ ދިން ކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ރިޕޯޓުގައި މަހްލޫފްގެ ނަން ހިމަނާފައިވާތީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.
މަހްލޫފު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ، އެއީ އޭނާގެ އާއިލާއިން "ދަ ޖީންސް"ގެ ނަމުގައި ފިހާރައެއް ހިންގި އިރު، ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއް ކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތް އޭސީސީން އަދި މިފަދަ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން ބެލުމަށް މަހްލޫފް ވަނީ އެދިފަ އެވެ. މަހްލޫފް ޓްވިޓާގައި ވިދާޅުވީ، މައްސަލަ ބެލުމަށް ފަހު އެކަމުގައި ގޯހެއް އުޅޭކަމަށް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރީ ދަ ޖީންސް ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތި، އަޅުގަނޑުގެ ޑޮލަރު އެކައުންޓެއް އޮތުމުންކަން ފާހަގަ ކުރަމެވެ.،" އެސްއޯއެފާ އެކު ޑޮލަރު ގަތުމަށް ހިންގި މުއާމަލާތުގެ ރަސީދާ އެކު މަހުލޫފް ނެރުނު ބަޔާނުގައި ބުނެ އެވެ.
މިނިސްޓަރު މަހްލޫފްގެ ޓްވީޓްގައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އޭސީސީން މަހްލޫފަށް ފޮނުވި ސިޓީއާއި މަހްލޫފް އޭސީސީއަށް ފޮނުއްވި ސިޓީ ވެސް ހިމަނުއްވާފަ އެވެ.
https://twitter.com/AhmedMahloof/status/1095977296039563265
އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި ހުރިހާ ފަރާތްތަކަކީ "ވަގުންގެ" ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުން ގެންދާއިރު، އޭގެ ތެރޭގައި ސައްހަ މުއާމަލާތްތައް ކޮށްފައިވާ މީހުން ހިމެނޭއިރު، އެ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭކަން ކަށަވަރު ކުރުމުގެ ގޮތުން، އެ މައުލޫމާތުތައް އޭސީސީން ވީހާވެސް ބޮޑަކަށް ސާފުކޮށްދިނުމަށް މަހްލޫފް ވަނީ ގޮވާލައްވާފަ އެވެ.
އޭގެ އިތުރުން މަހްލޫފް ވަނީ މި މައްސަލާގެ ތަހުގީގު އޭސީސީން ހިންގާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވީނަމަވެސް މިހާތަނަށް އޭނާއާ ސުވާލުކޮށް އަދި އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމުގެ އިޝާރާތެއް ވެސް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް