މާލޭގެ ބައެއް މަގުތައް މާދަމާ ހެނދުނު ބަންދުކުރަނީ

މާދަމާ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް...

14 Feb 2019 | 05:32

މާދަމާ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ، މޭޔަރ ޝިފާ މުހައްމަދު ވިދާޅުވިގޮތުގައި، ބައެއް މަގުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ، މާލޭގެ ކާރުބާރު ބޮޑު މާހައުލުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދީ އިޖުތިމާއީ ގުޅުން ވަރުގަދަކުރުމަށްޓަކައި ކަމަށެވެ.

މާދަމާ އެ ނިންމުމަށް އަމަލުކުރަން ފަށާއިރު އެންމެ ފުރަތަމަ ބަންދުކުރާނީ ކޮންމެ އަވަށަކުން މަގެކެވެ. އެގޮތުން މާފަންނުން ސަބުދެލި މަގު ބަންދުކުރަން ނިންމާފައިވާއިރު މައްޗަންގޮޅިން ބަންދުކުރާނީ ދަނބުރު މަގެވެ. އަދި ގަލޮޅުން ދޮން އަނދަރާދު ހިންގުން ބަންދުކުރަން ނިންމިއިރު ހެންވޭރުން ބަންދުކުރާނީ ލަންސިމޫގޯޅިއެވެ. އެމަގުތައް އުޅަނދުތަކަށް ބަންދުކުރާނީ ހެނދުނު 6:30 އާއި 10:30 އާ ދެމެދަށެވެ.

ޝިފާ ވިދާޅުވީ، މަގުތައް ބަންދުކުރުމުގެ މަސައްކަތް ލަސްވީ ފުލުހުންނާއި ޓްރާންސްޕޯޓު މިނިސްޓްރީ އާއި ގުޅިގެން އެ މަސައްކަތް ރަނގަޅަށް ރޭވުމަށް ކުރަން ޖެހޭ މަސައްކަތްތަކަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ބަންދުކުރާ ހަތަރު ސަރަހައްދުގެ ޓްރެފިކް ފްލޯ ރާވާލެވިފައި ވަނީ އެސަރަހައްދުގެ އެހެން މަގުތަކަށް ދަތި ނުވާނެ ގޮތައް ބަލައިގެން ކަމަށް ޝިފާ ވިދާޅުވިއެވެ.

މާލޭގެ ބައެއް މަގުތައް ބަންދުކޮށް އާއިލާތަކާއި ކުޑަކުދިންނަށް ވަގުތު ހޭދަ ކުރަވޭނެ ޖަޒީރާ މާހައުލެއް ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް