ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސް އާއި ޓޮޓެންހަމް ކުޅުނު މެޗު 2-2 ގެ ނަތީޖާއިން އެއްވަރު ވެއްޖެއެވެ.
ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްއިން އެއްވަރުކުރީ ޔުވެންޓަސް އިން 2 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށެވެ. އެހެންކަމުން އަވޭ 2 ގޯލާ، ހުރިހާ ގޮތަކުން ހަމަހަމަ ނަތީޖާއަކާއެކު ދެ ވަނަ ލެގު އަމިއްލަ ދަނޑުގައި އޮތުމާއެކު މި ވަގުތު އެޑްވާންޓޭޖް އޮތީ ޓޮޓެންހަމް އަށެވެ.
މެޗު ފެށިގެން ކުރީކޮޅު ކައިރިކައިރީގައި ހިގުއައިން ކާމިޔާބު ކޮށްދިން 2 ލަނޑާއެކު ޔުވެންޓަސް ފަސޭހަ ކަމާއެކު މޮޅުވާނެކަމަށް ބެލެވުނެވެ. ހިގުއައިން ފުރަތަމަ ލަނޑު ޖެހީ 2 ވަނަ މިނިޓުގައެވެ. މިއީ ޓޮޓެންހަމްގެ ހާފުގެ މެދެއްކަންހާ ހިސާބުން ޔުވެންޓަސްއަށް ލިބުނު ހިލޭ ޖެހުމަކުން ހުރަސްކޮށްލި ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ 9 ވަނަ މިނިޓުގައި ހިގުއައިން ޔުވެންޓަސްއަށް 2 ވަނަ ލަނޑެއް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ބާނާޑެސްޗީއަށް ޑެވީސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޔުވެންޓަސް އިން ކުރީކޮޅު 2 ލަނޑުގެ ލީޑެއް ނެގިނަމަވެސް ޓޮޓެންހަމް އިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަރީ ކޭން ޖަހައިދިން ލަނޑާއެކު އެ ޓީމަށް އުންމީދެއް ލިބުމެވެ. ހަރީ ކޭން މި ލަނޑު ޖެހީ މެޗުގެ 35 ވަނަ މިނިޓުގައި ޑެލޭ އަލީ ދިން ޕާހަކުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާ ވެސް 2 ލަނޑުގެ ލީޑެއް ނަގަން ޔުވެންޓަސްއަށް ފުރުސަތު ލިބުނު ނަމަވެސް ބޭނުން ކުރެވޭގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ ހިގުއައިން ފޮނުވާލުމުން އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
ޓޮޓެންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެރިކްސެން އެވެ. އެރިކްސެން މި ލަނޑު ޖެހީ 71 ވަނަ މިނިޓުގައި ޑެލޭ އަލީ އަށް ކިއެލީނީ ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުންނެވެ.
ނަތީޖާ ހަމަހަމަވެ ދެ ވަނަ ލެގަށް ބޮޑު އިންތިޒާރެއް ކުރަން ޖެހިފައިވާއިރު، މި މެޗުގައި ހަރީ ކޭން ޖެހި ލަނޑާއެކު ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑާ (ސްޓީވަން ޖެރާޑް، 2008-09 ގެ ސީޒަންގައި 7 ލަނޑު) އޭނާއަށް ހަމަހަމަ ކުރެވިފައިވާކަން ފާހަގަ ކޮށްލަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް