ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ރަށުން ބޭރުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނެރުނު އިނގިރޭސި ކްލަބްގެ ރެކޯޑާއެކު މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުގައި މެންޗެސްޓާ ސިޓީން ރޭގައި ވަނީ ސްވިޒަލޭންޑްގެ ބަސެލް އާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި 4-0 ގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ރަށުން ބޭރުގައި ކުޅެ އެންމެ ތަފާތު ބޮޑު ކާމިޔާބީއެއް ހޯދީ ލިވަޕޫލްއެވެ. އެ ޓީމުން ވަނީ 2006-2007 ގެ ސީޒަންގައި، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި، ޕީއެސްވީ އާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި 3-0 ގެ ނަތީޖާއެއް ނެރެފައެވެ.
އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ އާ ދެކޮޅަށް ކުޅުނު މެޗުގައި 5-1 ގެ ތަފާތު ބޮޑު ކާމިޔާބީއެއް ހޯދި މެންޗެސްޓާ ސިޓީން ވަނީ ރޭގެ މެޗުގައި ވެސް ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗު ފަށައިގެން ކުރީކޮޅުގައި ސިޓީގެ ޑިފެންޑަރުންނަށް ހެދުނު ގޯހުގެ ފައިދާ ބަސެލްގެ ޑިމިޓްރީ އޮބާލިން އަށް ނުނެގުނުއިރު، ސިޓީން ފުރަތަމަ ހާފުގައި ގާތްގާތުގައި 3 ލަނޑު ކާމިޔާބުކޮށް ބަސެލްއަށް އަތު ނުވާނެކަން ސާބިތު ކޮށްދީފައެވެ.
މެންޗެސްޓާ ސިޓީން ފުރަތަމަ ހާފުގައި ޖެހި 3 ލަނޑު ފެނިގެން ދިޔައީ އެންމެ 9 މިނިޓުގެ ވަގުތުގެ ތެރޭގައެވެ. ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން 14 ވަނަ މިނިޓުގައި ގުންޑޮގާން ގޯލު ހުޅުވާލިއިރު، 18 ވަނަ މިނިޓުގައި ބާނާޑޯ ސިލްވާ ކާމިޔާބު ކުރި ލަނޑާއެކު ސިޓީން ލީޑު ފުޅާކުރިއެވެ. އޭގެ އިރުކޮޅެއް ފަހުން 23 ވަނަ މިނިޓުގައި ސާޖިއޯ އަގުއޭރޯ ވަނީ ސިޓީގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި ލަނޑު ޖަހަން މަގުފަހިކޮށްދިނީ ފެނާންޑީނިއޯ އެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 53 ވަނަ މިނިޓުގައި ސިޓީގެ 4 ވަނަ ލަނޑު ޖަހައިދިނީ ވެސް ގުންޑޮގާން އެވެ. މިއީ ސާޖިއޯ އަގުއޭރޯ ދިން ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ.
މި ބޮޑު މޮޅާއެކު ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ޖާގަ ގާތްގަނޑަކަށް ކަށަވަރު ވެފައިވާއިރު، ގާޑިއޯލާގެ ޓީމު އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނައިގައި މި ވަގުތު އޮތީ 16 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. އެހެންކަމުން ސިޓީން މި ވަނީ ޔޫރަޕްގެ ގަދަ ބާރުތަކަށް އެ ޓީމަކީ މިހާރު އެހެން ޓީމުތަކަށް ދޫނުކުރާނެފަދަ ހާލަތެއްގައި އޮތް ޓީމެއްކަމުގެ މެސެޖް ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް