ޕާކިސްތާނުގައި އަންހެނުންގެ މައިބަދައިން ދިޔަ ވަގަށްނަގާ ގޭންގެސް އަތުލައިގެންފައިވާކަމުގައި އެގައުމުގެ ފުލުހުން ހާމަކޮށްފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ޕާކިސްތާނުގެ ޕަންޖާބު ފުލުހުން އިއްޔެ ބުނެފައިވަނީ އެ ގޭންގަށް ނިސްބަތްވާ ފަސް މެމްބަރަކު ހައްޔަރު ކޮށްފައިވާއިރު އެމީހުން އަންހެނުންގެ މައިބަދައިން ދިޔަ ނަގަމުން ދިޔައީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން ދިޔަ ނަގަނީ ބަދަލުގައި ކައިވެނީގެ ހަރަދުތައް ކޮށްދޭ ސްކީމެއްގެ ދަށުން ކަމުގައި އެ ގޭންގުން ބުނާކަމަށް ފުލުހުން ބުނެފައި ވެއެވެ.
"ދިހަ އަންހެނެއްގެ މައިބަދައިން ދިޔަ ނަގާފައިވާކަން މިހާތަނަށް ވަނީ ކަށަވަރު ކުރެވިފައި، އަދި އެ ދިޔަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ މީހަކަށް ވިއްކަމުންދިޔަކަންވެސް ވަނީ ކަށަވަރު ކުރެވިފައި" ޕަންޖާބު ފުލުހުންގެ ތަހުގީގު އޮފިސަރެއް ކަމުގައިވާ އަބްދުލް މަޖީދު ބުނެފައި ވެ އެވެ.
އުރުދޫ ނޫހެއް ކަމުގައިވާ "ޖަންގް" ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި މި ގޭންގުން ވަނީ 90 އަށްވުރެ ގިނަ އަންހެނުންގެ މައިބަދައިން ދިޔަ ނަގާފައެވެ. އަދި މިކަން ކުރަނީ ބޯންމެރޯ ހެދުމާއި ކިޑްނީ ޓްރާންސްޕާންޓް ފަދަ އޮޕަރޭޝަންތައް ކުރުމަށް ހޮސްޕިޓަލުތަކަށް ވަގަށް އެތަކެތި ވިއްކުމުގެ ނިޔަތުގައި ކަމުގައިވެސް އެ ނޫހުގައި ތުހުމަތު ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް