ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭންކްގެ ކޭޝްލެސް ރައިޑް ހިދުމަތް ހުޅުމާލޭގައި ތައާރަފް ކޮށްފި އެވެ. މި ހިދުމަތް ތައާރަފް ކުރުމާއެކު ޓެކްސީ ދަތުރު ތަކުގައި ކްރެޑިޓް ކާޑު ނުވަތަ ޑެބިޓް ކާޑު މެދުވެރިކޮށް ޓެކްސީ ދަތުރުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖެހިގެން ގޮސްފަ އެވެ.
މި ހިދުމަތް ކާމިޔާބުކަމާއެކު މާލޭގައި ދެމުން އަންނަތާ އެއް އަހަރު ވެފައިވާއިރު މާލޭގައި މި ހިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ބޭންކުން ހާމަކުރެ އެވެ. މި ހިދުމަތް ދިނުމަށް ޓެކްސީތަކުގައި ޕީއޯއެސް ޓާމިނަލްސް ގާއިމް ކޮށްފައިވާއިރު މޯބައިލް ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމުގައި ބޭންކުން ހާމަކުރެ އެވެ.
މި ހިދުމަތް ހުޅުމާލޭގައި ތައާރަފް ކުރެވިގެންދިއުމާއި ބެހޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ އާބާދީ އިތުރުވަމުންއ އަންނަ ހުޅުމާލޭގައި މި ހިދުމަތް ތައާރަފް ކުރެވުމަކީ އެ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ.
"މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް، އަތުގައި ފައިސާ ނަގާފައި ނެތުމާއި، ބާކީ ލިބެންދެން މަޑުކުރަން ޖެހުމާއި މިފަދަ ކަންކަމަށް ލުޔެއް ލިބިގެންދާނެ ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން" ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް