ސަރުކާރުގެ ކެމްޕޭނެއް ކަމަށްވާ "ރަޙްމަތައްލިލްޢާލަމީން" ކެމްޕޭނަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަތީފު، ފާޑު ވިދާޅުވެއްޖެ އެވެ.
"ރަޙްމަތައްލިލްޢަލަމީން" ނުވަތަ 'ޢާލަމްތަކަށް ރަޙްމަތެއް' ގެ ނަމުގައި ސަރުކާރުން ފަށާފައިވާ ކެމްޕޭނަކީ، މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި އިސްލާމިކް އެފާޒް ގުޅިގެން މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ފަށާފައިވާ ކެމްޕޭނެކެވެ.
މިދިޔަ ހުކުރު ދުވަހު އިފްތިތާހް ކުރެވުނު މިކެމްޕޭނާއި ބެހޭގޮތުން ފުލުހުންގެ ވެބްސައިޓްގައިވަނީ އެއީ ދީނީ ގޮތުން ސައްޙަ މައުލޫމާތު ފޯރުކޮށްދީ ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމުގައެވެ.
މިކެމްޕޭނަށް ރައްދު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ "ރަހްމަތައްލިލްޢާލަމީން" މިލަފްޒަކީ މާތް ﷲ ހަމައެކަނި ކީރިތި ރަސޫލާ (މުޙައްމަދު ޞައްލައްﷲ އަލައިޙި ވަސައްލަމަ) އަށް މުޙާތަބްކޮށް ވަޙީކުރައްވާފައިވާ އާޔަތެއްގެ ބައެއް ކަމުގައާއި އެއީ ސޫރަތުލް އަންބިޔާއި ގެ 107 ވަނަ އާޔަތް ކަމުގައެވެ.
ޑރ އިޔާޒް ވިދާޅުވީ އެއާޔަތަކީ ( وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ١٠٧) މިއީ ކަމަށާއި، އެ އާޔަތުގެ މާނަޔަކީ "އަދި ޢާލަމްތަކަށް ރަހުމަތެއް ކަމުގައި މެނުވީ، ތިމަންރަސްކަލާންގެ ކަލޭގެފާނު ނުފޮނުއްވަމެވެ" މިއީ ކަމުގައެވެ.
"މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އަރަބި ކަލިމަތައް ބޭނުންކޮށްގެން އެބޭފުޅުންގެ ސިޔާސީ މަޤްސަދު ހާސިލްކުރުމަށްޓަކައި، ކެމްޕެއިންތައް ކުރަމުން ގެންދާތީ ދަންނަވަމެވެ، "ރަޙުމަތައްލިލްޢާލަމީން" ނުވަތަ އާލަމްތަކަށް ރަހުމަތެއް ކަމުގައި މިއީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްއަށް މުހާތަބްކޮށް މާތް ﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ ބައެކެވެ،" ޑރ. އިޔާޒް ވިދާޅުވި އެވެ.
ޑރ އިޔާޒް އިތުރަށް ވިދާޅުވީ ( وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ١٠٧) މި އާޔަތުގެ މުރާދަކީ ފަހަރެއްގައިވެސް ވަކި މީހަކު، ވެރިކަމުގައި ބެހެއްޓުން، ނުވަތަ ވަކި ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ އަދަދު އިތުރު ކުރުމަކީ އާލަމްތަކަށް ރަހުމަތެއް ކަމުގައި ވުމެއް ނޫން ކަމުގައައި މިފަދަ ކަންކަމުގެ ސަބަބުން މާތް ވެގެންވާ އިސްލާމްދީނުގެ މަސްދަރުތަކުގެ ހިމެނޭ ކީރިތި ޤުރްޢާންގެ މަޙްފޫމް، ރައްޔިތުންނަށް އޮޅިގެންދާނެ ކަމަށެވެ.
މިފަދަ ވިޔާނުދާ އަމަލުތައް ހުއްޓާލުމަށް އިސްލާމިކް މިނިސްޓަރަށާއި އިސްލާމިކް މިނިސްޓްރީއަށް ގޮވާލާކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް