N/A
އަންނަ ފެބުރުއަރީ މަހު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ
"އިންޑިއާ އޭއައި އިމްޕެކްޓް ސަމިޓް 2026" އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ
"ކާޓަން ރެއިޒަރ" އިވެންޓެއް، މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން
ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް
ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޑރ. މުޙައްމަދު ކިނާނަތެވެ. މި
ބައްދަލުވުމުގައި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޓެކްނޮލޮޖީގެ މާހިރުންނާއި، ވިޔަފާރިވެރިން
ބައިވެރިވިއެވެ.

ފެބުރުއަރީ 16 އިން 20 އަށް އިންޑިއާގައި ބޭއްވުމަށް
ހަމަޖެހިފައިވާ މި ސަމިޓަކީ އާޓިފިޝަލް އިންޓެލިޖެންސް ޒިންމާދާރުކަމާއެކު، ހަމަހަމަކަމާއި
އަދި ސުލޫކީ މިންގަނޑުތަކުގެ ތެރެއިން ކުރިއެރުވުމަށް އިންޑިއާއިން ގެންގުޅޭ ތަސައްވުރު
ހާމަކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ކިނާނަތު
ވިދާޅުވީ، ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ވޯކިންގ ގްރޫޕްގެ ބައްދަލުވުންތަކުގައި
ރާއްޖެއިން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭއައިގެ ދާއިރާއިން ސަރަހައްދީ
އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ "ނެޝަނަލް
ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިޝަން - މޯލްޑިވްސް 2.0" އަދި އޭއައި ރެޑިނަސް އެސެސްމަންޓް
މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.

އިންޑިއާގެ ހައި ކޮމިޝަނަރުގެ ވާހަކަފުޅުގައި، ޞިއްޙީ
ދާއިރާ، ތަޢުލީމު، އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އޭއައި ބޭނުންކުރެވިދާނެ
ގޮތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް