ގާފަރު ސެން ކްލާސް ތަރައްގީކޮށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މި މުޖްތަމައަށް އިތުރު ފުރިހަމަކަމެއް

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ކ. ގާފަރުގަ...

14 Jan 2020 | 06:23

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެންސަރީ ކްލާސްރޫމެއް ތަރައްގީކޮށްފިއެވެ.

މިގޮތުން، ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ވަނީ މި ކްލާސްރޫމަށް މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު މި ކްލާސްރޫމް ބޭނުންކުރަން މިވަނީ ފަށާފައެވެ. މި ކްލާސްރޫމް ފަރުމާ ކުރެވިފައިވަނީ ސެން ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ވަސީލަތްތައް ހިމަނާ ފުރިހަމަ ކުރެވިގެންނެވެ. އަދި މި ކްލާސްރޫމް ވެގެންދާނީ މިކުދިންނަށް ކިޔަވާދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ލިބިގެންދާ ފުރިހަމަ ހައްލަކަށެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް، މުހައްމަދު ސައީދު ވިދާޅުވީ މި ކްލާސްރޫމު ހުޅުވުމާއެކު ތައުލީމީ އާ އަހަރު ފެށިގެން މިދިޔައީ ގާފަރު ސްކޫލްގެ ސެން ކްލާސް ކުދިންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ކަމަށެވެ. މި ކްލާހުގައި ބޭނުންކުރާ ވަސީލަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމާއި އެކުދިންގެ ހުނަރު ތަރައްގީކުރުމަށް ވަރަށް އެކަށޭނެ ވަސީލަތްތަކެއް ކަމަށެވެ.

" ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި،  މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ހިންގޭ މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކީ ނިންމާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ." ސައީދު ވިދާޅުވިއެވެ.

" ގާފަރު ސްކޫލުގައި ކުރިން ހުރި ސެން ކްލާސްރޫމަކީ ކުޑަ ތަނެއް. ކްލާސްރޫމު ގާއިމް ކުރުމުގެ ކުރިން އަޅުގަނޑުމެން ދިރާސާ ކުރިން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަން، ކޮންކަހަލަ ވަސީލަތްތަކެއްތޯ ހުރީ. ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަގޮތް ދިރާސާ ކުރުމަށްފަހު ގާފަރުގައި ސެން ކްލާސްރޫމެއް ގާއިމް ކުރީ. އަޅުގަނޑުމެން [އަބޫބަކުރު އަލީ ފައުންޑޭޝަން] މަސައްކަތް ކުރަނީ ރަށުގެ ތައުލީމީ ކަންތައް ކުރިއަރުވަން. ކުރިން ސެން ކްލާހުގައި ކުދިންނަށް ކިޔަވައިދެނީ އެކްލާހުގެ ޓީޗަރު އަމިއްލައަށް ތައްޔާރުކުރާ ވަސީލަތްތަކާއެކު. އެކަމަކު މިހާރު އަޅުގަނޑުމެން މި ގާއިމްކުރި ކްލާސްރޫމުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ކުދިންނަށް ދެވޭނެ. މިއީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯޒަލް ލީ. ބީއެމްއެލްގެ އެހީ އާއި ފައުންޑޭޝަނުގެ ފައިސާ އިން މި ޕްރޮޖެކްޓު މި ނިންމާލެވުނީ. " އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ. މި ގޮތުން ބީއެމްއެލް އިން ވަނީ މިވޭތުވެދިޔަ 2019 ވަނަ އަހަރުތެރޭ ވަނީ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް