ހެނދުނު ގެއިން ނިކުންނަމުން ގަޔަށް ޖަހާލާ ސެންޓުގެ ވަސް، މެންދުރުކެއުމަށް ގެއަށް އަންނައިރު ވީތަނެއްވެސް ނޭނގޭދޯއެވެ؟ އޭގެ ބަދަލުގައި ގައިން ދުވަނީ އޮށްދާވަސް ހެއްޔެވެ؟ ނޫނީ އޮފީހުގައި ހުންނަ އިރު ހުންނަނީ އިރު އިރުކޮޅާ ގަޔަށް ސެންޓު ޖަހާލަ ޖަހާލަ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ސެންޓުފުޅިއަކުން ކިހާދުވަހަކަށް ވޭހެއްޔެވެ؟ ހެނދުނު ގަޔަށްޖަހާ ސެންޓުގެ މީރުވަސް މުޅިދުވަހަށް ދެމިގެންދާން ބޭނުންހެއްޔެވެ؟ ބޭނުންނަމަ މިގޮތަށް ޢަމަލުކުރާށެވެ.
ހ. އެންމެ ފުރަތަމަކަމަކަށް ސެންޓުގެ އިތުރުން ތިމާބޭނުންކުރާ އެހެން އެއްޗެއްސަކީ އެސެންޓާއި އެއްގޮތް ނުވަތަ ގުޅޭ ވަހެއް ހުންނަ އެއްޗެއްސައް ހަދާށެވެ. މިސާލަކަށް ހުވަނދުމާވަސް ދުވާ ސެންޓެއް ބޭނުންކުރާނަމަ، ހުވަނދުމާވަސް ދުވާ ސައިބޯންޏާއި، ލޯޝަން ނުވަތަ ތެޔޮ ބޭނުންކުރާށެވެ. ނުވަތަ ބޭނުންކުރާ ސެންޓާއި އެއްގޮތް ވަހެއް ދުވާ ލޯޝަނެއް ނުވަތަ ސައިބޯންޏެއް ނުލިބުނު ނަމަ ވީހާވެސް ވަސްމަޑު، ނުވަތަ ވަސްނުދުވާ ސައިބޯންޏާއި، ލޯޝަނުގެ ތެރެއަށް ގެންގުޅޭ ސެންޓުފުޅިން ސެންޓުއަޅައި އެއްކޮށްލާށެވެ.
ށ. ފެންވަރައި ނިމުމަށްފަހު ވީހާވެސް އަވަހަކަށް ތެޔޮ ނުވަތަ ލޯޝަންލާށެވެ. އަދި އެއަށްފަހު ލަސްނުކޮށް ސެންޓުޖަހާށެވެ. އެއީ ފެންވެރުމުން ހަންގަނޑުގައި ހުންނަ ތެތްކަން ދެމެހެއްޓޭނީ ލޯޝަން ނުވަތަ މޮއިސްޗަރައިޒަރއަކުން ކަމަށްވާތީއެވެ. އަދި މީގެ ސަބަބުން ހަންގަނޑުގެ މަތި ފަށަލައިގައި އުފެދޭ ތެތްކަމުގެ ތެރެއަށް ސެންޓުގެ މޮލިކިއުލްސްތައް ވަދެ، ހިފެހެއްޓިގެން ދާނެއެވެ.
ނ. ހަންގަނޑުގެ އެންމެ ހޫނު ގަދަ ހިސާބުތަކަށް ސެންޓު ޖެހުމުން ގިނައިރު ވަސް ދެމިހުންނާނެއެވެ. މިފަދަ ހިސާބުތަކަކީހިތުގެ ވިންދުބެލޭ ހިސާބުތަކެވެ. މީގެތެރޭގައި، އަތުގެ ކުޑަހުޅު، އުޅަނބޮށީގެ އެތެރެފުށް، ކަރު، މޭމަތި، ކަކުލު އެތެރެފުށް، ތަނބިކަށި، އަދި ކުޑަކަޅުވާ ހިމެނެއެވެ. މިހިސާބުތަކުގައި ވެސެލިންފަދަ އެއްޗެއް ތުނިކޮށް އުނގުޅާލުމަށްފަހު އެތަންތަނަށް ސެންޓުޖަހާލާށެވެ.
ނ. އަތުގެ ކުޑަހުޅަށްވިޔަސް އަދި އެހެންތަނަކަށްވިޔަސް ސެންޓުޖެހުމަށްފަހު އެތަނެއް ނުއުނގުޅާށެވެ. އުނގުޅާނަމަ ސެންޓުޖެހުމަށްފަހު އެންމެ ފުރަތަމަ ފަސްވަރަކަށް މިނެޓު ދުވާ މީރުވަހުގެ ވަސްމަޑުވާނެއެވެ. ހަމަ އެހެންމެ ހަމުގައި ހުންނަ ޤުދުރަތީ ތެޔޮކަމާއި އެއްވުމުގެ ސަބަބުން ސެންޓުގެ އަސްލުވަހަށް ބަދަލު އައުން އެކަށީގެންވެއެވެ.
ރ. އަންނައުނުތައް ލާފައި ހުންނަ ވަތްގަނޑު ނުވަތަ ކަބަޑަށް ސެންޓު ޖަހަފައިވާ ޓިޝޫ އަޅާށެވެ. އޭރުން އަންނައުނުގައި ސެންޓުގެ ލުއިލުއިވަހެއް ހިފާފައި ހުންނާނެއެވެ.
ބ. ހޫނުނޫން އަދި އަލިކަން ނެތްތަނެއްގައި އަބަދުވެސް ސެންޓުފުޅި ބަހައްޓާށެވެ. ހޫނުގެ ސަބަބުން ސެންޓުގެ މޮލިކިއުލްސް ހުންނަގޮތަށް ބަދަލު އާދެއެވެ. އަދި އޭގެ ސަބަބުން ސެންޓުގެ ކޮލިޓީ ދަށްވެއެވެ.
ޅ. ބޭރަށްދާން ތައްޔާރުވެ ލައިގެންހުރިހެދުމަށްވެސް ސެންޓުޖަހަން ހަނދާންނައްތާނުލާށެވެ.
އިތުރަށް:
- ލުއިވަހެއް ސެންޓުން ދުވާނަމަ އެވަސް ހަރުލާފައި ހުންނާނީ މަދުވަގުތުކޮޅަކަށެވެ.
- އެންމެ ވަސްގަދަ ސެންޓުން އެންމެ ވަސްމަޑު ސެންޓުފުޅީގައި ހުންނާނެލިޔުން ކަނައަތުން ވާތަށް
- ޕާފިއުމް ؛ އޯ ޑި ޕާފިއުމް؛ އޯ ޑި ޓުވާލެޓް ؛ އޯ ޑި ކޮލޯން
- ސެންޓުޖަހާތާ އިރުކޮޅެއްފަހުން ތިމާއަށް އޭގެ ވަސްނުދުވިނަމަވެސް އެހެންމީހުންނަށް ސެންޓުގެ ވަސްދުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް