މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީގެ އަންހެން ދަރިވަރަކު، ފިރިހެން ކުއްޖެއް ގައިގާ ބައްދާލި ވީޑިއޯއެއް އާންމުވުމުން، އެ އަންހެންކުއްޖާ އެ ޔުނިވާސިޓީން ކަނޑާލައިފިއެވެ.
އެ އަންހެން ކުއްޖާ އެ ޔުނިވާސިޓީން ކަނޑާލާފައިވަނީ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވަނިކޮށެވެ.
އެ ވީޑިއޯއިން ފެންނަނީ ފިރިހެން ކުއްޖަކު އެއް ކަކޫ މައްޗަށް ތިރިވެ އެ އަންހެން ކުއްޖާއަށް ޕްރޮޕޯޒް ކުރާ މަންޒަރެވެ. އެއަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ދެމީހުން ގޮސް ބައްދާލާ އުރާލާ އަނބުރާލާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެ ވީޑިއޯ ރެކޯޑްކޮށްފައިވަނީ އެހެން ޔުނިވާސިޓިއެއްގެ ތެރޭގައެވެ.
ނަމަވެސް އެ އަންހެން ދަރިވަރަކީ އަލް އަޒްހަރު ޔުނިވާސިޓީން ކިޔަވަމުން އަންނަ ދަރިވަރެއް ކަމުގައިވާތީ އެ ޔުނިވާސިޓީން ނިންމީ އެ ދަރިވަރު ވަކި ކުރުމަށެވެ. އަލް އަޒްހަރު ޔުނިވާސިޓީގެ ޑިސިޕްލިނަރީ ކައުންސިލުން ބުނެފައިވާގޮތުގައި އެ އަންހެން ދަރިވަރު ވަކި ކުރީ އެ ޔުނިވާސިޓީގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ކަމެއް ކުރުމުން ކަމަށެވެ.
އެ ވީޑިއޯގައި ފެންނަ ފިރިހެން ކުއްޖާ ނިސްބަތްވަނީ މިސްރުގެ މަންސޫރާ ޔުނިވާސިޓީއަށެވެ. އެ ޔުނިވާސިޓީން ބުނެފައިވަނީ އެ މައްސަލައިގާ އަދި ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް