ނުލާހިކު ލޯބިން އެކީ އުޅެން ކުރާ ކައިވެނި އެހާ އަވަހަށް ރޫޅެނީ ކީއްވެ ހެއްޔެވެ؟ ހަތަރު ފަސް އަހަރު ލޯބިން އުޅެފައި ކުރާ ކައިވެނި މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޫޅެނީ މަދުންނެއް ނޫނެވެ. އެތައް ދުވަހަކު ލޯބީގެ ގޮތުން ގުޅި އުޅެފައި އެންމެ ފަހުން އެކަކު އަނެކަކާ އެކު ދެން ނޫޅެވޭނެ ކަމަށް ނިންމަނީ ކީއްވެހެއްޔެވެ؟ ތި ހިތަށް އަރާ ސަބަބު ތަކުގެ ތެރޭގައި މިކިޔާ "ކަތުރުފަނި" ހިމެނޭބާއެވެ؟ ފުރިހަމަ ނުވާ ނުވަތަ ނުފުދޭ އުންމީދެވެ.
ލޯބީގެ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ އިރު ނުވަތަ މިފަދަ ގުޅުމެއް ފަށަން ގަސްތު ކުރާއިރު ކޮންމެ މީހަކުވެސް ބައިވެރިޔާގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް އުންމީދު ކުރެއެވެ. އަންހެންކުއްޖަކުނަމަ އޭނާގެ ބައިވެރިޔާ އޭނާއަށް ކޮންމެ ދުވަހަކު ގުޅާނެކަމެވެ. އަދި ބައެއް އަންހެން ކުދިން ދެކޭ ގޮތުގައި އޭނާއަށް ގުޅަން އަބަދުވެސް ޖެހޭނީ ލޯބިވެރިޔާއެވެ. ފިރިހެން ކުއްޖާއެވެ. ވީމާ، އަންހެންކުއްޖާ ގުޅައި ގިނައިރު ވާހަކަ ދައްކަން ހުންނަން ޖެހިއްޖެ ހިނދެއްގައި ހިތްހަމަނުޖެހެވެއެވެ. އެއީ އޭނާގެ ރަހުމަތްތެރިންނަށް އެގޮތަށް ކަންތައް ކުރަން ނުޖެހޭތީއެވެ. ވީމާ އަންހެން ކުއްޖާއަށް އިޙުސާސު ވަނީ އޭނާގެ ބައިވެރިޔާ އޭނާ ދެކެ ލޯބި ނުވާކަމެވެ. ނަމަވެސް ހަމަ މިއާ ޚިލާފައް އެއީ މައްސަލައެއް ކަމަށް ނުދެކޭ އަންހެން ކުދިންވެސް އުޅެއެވެ.
މީގެ އިތުރުން އުފަން ދުވަހު ހަދިޔާއެއް، "ވެލެންޓެއިންސް" ދުވަހު ހަދިޔާއެއް، އަންހެނުންގެ ދުވަހު ހަދިޔާއެއް، މިގޮތަށް އެތައް ދުވަހަކު ބައިވެރިޔާގެ ފަރާތުން ހަދިޔާއެއް ލިބުމަށް އެދެވެއެވެ. ނުވަތަ ދޭތެރެއަކުން ވާލޯބި އަންގައިދޭން ހަދިޔާއެއް ލިބުމަށް އެދެވެއެވެ. ނަމަވެސް ފިރިހެން ކުއްޖާގެ ހާލަތަކީ ތޯއެވެ؟ އޭނާއަށް މިއިން ދުވަހެއް ހަނދާން ހުރިއްޔާވެސް އައްސަރިބަހާ ސާބަހެވެ. ބައެއް ފަހަރު މާލީ ގޮތުން ދަތިވުމުން ފިރިހެން ކުއްޖާއަށް މިފަދަ ހަދިޔާ ނުދެވި ހިނގައިދާނެއެވެ. ނަމަވެސް ފިރިހެން ކުއްޖާގެ މިޙާލަތު ދެނެގަނެވޭ އޭނާގެ ބައިވެރިޔާއަށް މިފަދަ އުންމީދު ކުރުން ހުއްޓައި ނުލެވޭ ފަހަރު އާދެއެވެ. މިހެން ވުމުން ހަދިޔާއެއް ނުލިބިއްޖެނަމަ ދެރަވެ އޭނާގެ ހަޔާތުގައި ތިމާގެ މުހިއްމުކަމާއި މެދު ސުވާލު ކުރެވެއެވެ.
ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަމަ، ތިމާ އޮފީހުން ގެއަށް އަންނަން ވާ އިރަށް ގޭތެރެ ސާފުކޮށް، ދަރިން ފެންވަރުވާ ރީތިކޮށް، ކައްކައި، އަނބިމީހާވެސް ފެންވަރާ ރީތިވެ ހުރުމަށް އުންމީދު ކުރެވެއެވެ. ނަމަވެސް ގެއަށް އަންނަ އިރު ބައެއް ފަހަރު ހަމައެކަނި ކެއްކިފައި އެހެން ކަންކަން ނުނިމި ހުރެދާނެއެވެ. ނުވަތަ ހުރިހާ ކަމެއް ނިމިފައި ނަމަވެސް އަނބިމީހާއަށް ފެންވަރައި ރީތި ނުވެވި ހުރެދާނެއެވެ. އަނެއްކާވެސް ކުރެވުނު އެހެން އުންމީދެއް ފުރިހަމަ ނުވީއެވެ. ފިރިމީހާ ގެއަށް އައިސް ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދޭނެކަމަށް އަނބިމީހާއަށް އުންމީދު ކުރެވެއެވެ. ނަމަވެސް ވަރުބަލި ވެފައި ހުންނަ ފިރިމީހާގެ އެހީއެއް އެކަމުގައި ނުލިބުމުން އުންމީދު ކުރެވުނުކަމަށްޓާކައިވެސް ދެރަވެއެވެ.
މިއި ބައެއް ކައިވެނީގެ ހާލަތެވެ. ބައެއް ލޯބީގެ ގުޅުންތަކުގެ ހާލަތެވެ. މީގެ އިތުރުންވެސް އެތައް ކަމަކަށް ދެމީހަކު އެކީ އުޅޭއިރު އުންމީދު ކުރެވޭނެއެވެ. އަދި މިގޮތަށް ކުރެވޭ އުންމީދު ނުފުދޭ ކޮންމެ ވަގުތަކު، ހިތްހަމަނުޖެހެވި ހިތާހިތުން ޝަކުވާ ކުރެވޭނެއެވެ. އަދި ގިނަ ދުވަސްވާވަރަކަށް މިފަދަ ކަންކަމުން ލިބޭ ހިތްހަމަ ނުޖެހުން އިތުރުވެ އެންމެ ފަހުން ފާޅު ކުރާ ދުވަހު އޮންނާނީ ފޫނުބެއްދޭ ވަރުގެ ޒުވާބަކަށް ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް