ޕާކިސްތާނުގައި ރޭޕް ކުރުމަށްފަހު މަރާލާފައި ކުނިގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން އެންމެ އަށް އަހަރުގެ ޒައިނަބް އަންސާރީގެ ގާތިލު ކަމަށް ބެލެވޭ މީހާގެ ކުރެހުމެއް ޕާކިސްތާނު ފުލުހުން އާންމު ކޮށްފި އެވެ.
މި ކުރެހުން އާންމު ކޮށްފައިވާއިރު މި މީހާ އަކީ ސީރިއަލް ކިލާ އެއްކަމުގައި ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސިފަ ކޮށްފައި އެވެ.
އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 10 ކުއްޖަކު ރަހީނުކޮށް ރޭޕްކޮށް މަރާލާފައިވާ މައްސަލައާއި ޒައިނަބްގެ މަރުގެ މައްސަލައާއި ގުޅުންތަކެއް ވާކަމުގައި ޕާކިސްތާނުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ބުނެފައި އެވެ.
ފުލުހުން ބުނެފައިވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިފދަ ގޮތަކަށް މަރާލާފައިވާ 11 ކުދިންނަކީވެސް އެއް ސަރަހައްދަކަށް ނިސްބައތްވާ ކުދިން ކަމަށެވެ. އެ ހުރިހާ ކުދިންނަކީވެސް ތިން ކިލޯމީޓަރުގެ ރޭޑިއަސްއެއްގައި އުޅޭ ކުދިން ކަމަށެވެ.
ޒައިނަބް އަދި ޒައިނަބް ފަދައިން ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ހުރިހާ ކުދިންގެ ގާތިލު ހޯދުމުގެ މަސައްކަތް ޕާކިސްތާނުގެ ފުލުހުން ކުރަމުން އަންނައިރު 32 ގަޑިއިރުގެ ތެރޭގައި ގާތިލު ހޯދުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރެއް ކޮށްފައި އެވެ. އެ އަމުރުގައި ބުނެފައިވަނީ ފުލުހުންގެ އެންމެހާ ގާބިލިއްޔަތު ކަމެއް މިކަމުގައި ބޭނުންކޮށް 32 ގަޑިއިރުގެ ތެރޭގައި ގާތިލު ހޯދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް