ކުޑަކުދިންތަކާއި މެދު ތަކުރާރުކޮށް ޖިންސީ އަމަލު ހިންގި މީހަކު ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުން ހަދައިގެން ޖަލު ހުކުމް ކުޑަކޮށްފި އެވެ.
މި މައްސަލަތަކުގައި ދައުލަތުން ފަސް ދައުވާ އުފުލީ ވ. ގާތިފް ހަސަން އާތިފްގެ މައްޗަށެވެ. މައްސަލަ ބެލުމަށް ފަހު މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރީ30 އަހަރަށް ޖަލަށް ލުމަށެވެ.
މި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝާފިއު ވިދާޅުވީ، އަތޫފް 30 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އޭނާއާ ދެކޮޅަށް ކުރި ފަސް ދައުވާއެއްގެ ތެރެއިން ތިން ދައުވާއެއް، އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ދޫކޮށްލުމުން ކަމަށެވެ. އޭނާއާ ދެކޮޅަށް އުފުލެން އޮތް އަނެއް ތިން ދައުވާ ވެސް އުފުލައިގެން ހުރިހާ ދައުވާއެއް ސާބިތުވި ނަމަ ޖުމުލަ 76 އަހަަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެެެއް އަންނާނެ އެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ އަދި ގްރޫމް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ ދައުވާ އެވެ.
މީގެ ތެރެއިން އަތޫފް އިއުތިރާފް އެއްބަސްވުން ހެދީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާއަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މީހާ ހައްޔަރުކުރީ މޭ، 20 ގައި ކަމަށް ވާއިރު، އޭނާއާ ދެކޮޅަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ އޭގެ އެއް މަސްފަހުން ޖޫން 20 ގައި ކަމަށެވެ.
އެފަދަ އެއްބަސްވުމެއް ހެދި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، ކުށްކުރި މީހާ އެ ގޮތަށް އިއުތިރާފް ނުވާ ހާލަތުގައި އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނެގުމުގެ ސަބަަބުން އެ ކުދިން "ރިވިކްޓިމައިޒް"ވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް