އިސްލާމް ފޮތްތަކުގައި ހުރި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް އުނިކުރާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.
އެކި ގްރޭޑްތަކުގެ އިސްލާމް ފޮތްތަކާއި ޤުރުއާން ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައި ހުރުމުން ކުށްތައް ބެލުމަށް ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް ކޮށްފައިވެ އެވެ. އެ މިނިސްޓްރީން ކުރިން ބުނެފައިވަނީ އެ ކޮމިޓީން ނިންމާ ނިމުމުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެނެވޭނެ ކަމަށެވެ.
އޭގެ ފަހުން މިދިޔަ ދެ ތިން ދުވަހު އަޑުފެތުރިފައިވާ ގޮތުގައި އަލުން އިސްލާމް ފޮތް ޕްރިންޓު ކުރާއިރު ޤުރުއާނުގެ ސޫރަތްތަކާއި އާޔަތްތައް އުނި ކުރަން ވަނީ ނިންމާފައި އެވެ.
މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޮތްތައް އަލުން ޕްރިންޓު ކުރަނީ ކުރިން ހުރި ކުށްތައް އިސްލާހު ކުރުމަށް ފަހުގައި ކަމަށެވެ. އަދި ނުބައިކޮށް ހުރި ސޫރަތްތަކާއި އާޔަތްތައް ރަނގަޅު ކުރުމަށް ފަހު ކަމަށާއި އިތުރު ބަދަލެއް ނުގެންނާނެ ކަމަށް ވިދާޅުވި އެވެ.
ކުށް ހުރި މައްސަލައިގަ އެޑިއުކޭޝަނުން އެކުލަވާލި ކޮމިޓީން ވަނީ ގްރޭޑް 1-12 އަށް ބޭނުން ކުރަމުންދާ އިސްލާމް އަދި ޤުރުއާން ފޮތްތައް އަލުން ރިވިއު ކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ ފޮތްތަކުގައި ކުށް ހުރުމަކީ އާންމުކޮށް ދިމާވާ ކަމެއް ކަމަށެވެ. އެކަމަކު ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ހުރެގެން ނުވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އެހެންވެ އެ ފޮތްތަކުގައި ކުށް ހުންނަން ޖެހުނު މައްސަލަ ބަލައި އިހުމާލު ވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައިގަ ފިޔަވަޅެއް އެއްވެސް މީހަކާއި ދެކޮޅަށް އެޅިކަމެއް އެނގިފައެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް