ފުވައްމުލަކު ސިޓީގެ ދޫޑިގަން އަވަށުގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ ނައިބު ރައީސް އަޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި ދޫޑިގަން އަވަށުގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ. މި މިސްކިތުގެ ބިންގާ އެޅުމުގ...

13 Dec 2021 | 14:51

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި ދޫޑިގަން އަވަށުގައި އިމާރާތްކުރާ އައު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.

މި މިސްކިތުގެ ބިންގާ އެޅުމުގެ ގޮތުން މިއަދު ހަވީރު ފުވައްމުލަކު ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެ ސިޓީގެ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފެށިގެން އެ ސިޓީގެ ރައްޔިތުން ކުރަމުންއައި އިންތިޒާރެއްކަމުގައި ވިދާޅުވި އެވެ.

އަދި މި މިސްކިތް ހުޅުވުމާއެކު އަޅުކަންކުރުމަށް މިސްކިތުގެ ފުރިހަމަ ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދީނީ ކަންކަން ކުރިއެރުމާއި އަދި ޤައުމުގެ ތަރައްޤީގެ ކަންކަމުގައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ.

ފުވައްމުލަކު ސިޓީގެ ބަނދަރު ސަރަޙައްދުގައި މިއަދު ބިންގާ އެޅި މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މިސްކިތެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައަކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހަވާލުކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޒަމާނީ ޑިޒައިނަކަށް ޢިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަސްތެރޭގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ވަޒީރުންނާއި، ފުވައްމުލަކު ސިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ބަނދަރަށް ޒިޔާރަތްކުރައްވައި ބަނދަރު ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފުވައްމުލަކު އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ވެސް ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް