ކުޅުދުއްފުށި ސިޓީން ސިންގަޕޫރާއި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް އެޅުމަށް ނިންމާ، އުރީދޫ އިން އައު ހަރުފަތަކަށް

އުރީދޫ މޯލްޑިވްސް އިން ޕީސް ކޭބަލްއަށް އިންވެސްޓްކޮށް އެއްބަސްވުމެއްގައި ސޮއި ކުރިކަމަށް މިއަދު އިއުލާންކޮށްފި އެވެ. ޕީސް ކޭބަލް އަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރު...

13 Dec 2021 | 13:34

އުރީދޫ މޯލްޑިވްސް އިން ޕީސް ކޭބަލްއަށް އިންވެސްޓްކޮށް އެއްބަސްވުމެއްގައި ސޮއި ކުރިކަމަށް މިއަދު އިއުލާންކޮށްފި އެވެ.

ޕީސް ކޭބަލް އަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަޤްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަ ކޮށްދޭނެ ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ.

މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ.

'ޕީސް' ސަބްމެރިން ކޭބަލް އެޅުމަށް އުރީދޫ މޯލްޑިވްސްއިން ހަމަޖައްސާފައިވަނީ ކުޅުދުއްފުށި ސިޓީއިން ސިންގަޕޫރާއި ޔޫރަޕްގެ ގިނަ ރަށްތަކެއް ހިމެނޭގޮތަށެވެ. އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ޚިޔާރުކޮށްފައިވަނީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިލަދީ، ޑިޖިޓަލް ޚިދުމަތްތަކާއެކު ފަހިވެގެންދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.

މި ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް ގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެ އެވެ. އުރީދޫ މޯލްޑިވްސް އިން މި ސަބްމެރިން ކޭބަލަށް އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އިންޓަރނެޓްގެ ޚިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލްއާއި އެކު 5ޖީ ގެ ގާބިލްކަން އިތުރުކޮށް، އިޖާދީ ޚިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ޕީސް ކޭބަލްގެ ލޭންޑިންގ ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. ހައިޕަސްކޭލަރ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެ އެވެ.

ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެންދާނެ އެވެ. މި ކޭބަލް ވެގެންދާނީ ދުނިޔޭގެ އެހެން ހިސާބުތަކަށް އިންފޮމޭޝަން ހައިވޭ އަކަށް ކަމަށްވާތީ، މި ކޭބަލްގެ ސަބަބުން އާ ވަޒީފާތައް އުފެދި، އައު ހުނަރާއެކު މުޖުތަމައު ތަރައްޤީވެ، ދުނިޔޭގެ ޑިޖިޓަލް މާހައުލުގައި ވާދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ 5ޖީ ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންޓަރނެޓް އޮފް ތިންގްސް އަދި ކްލައުޑް ޚިދުމަތްތަކުގެ އިތުރުން 5ޖީ ނެޓްވޯކްގެ ބާރު ސްޕީޑްތަކާއެކު އީޖާދުވާ ޚިދުމަތްތައް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން ކަމަށެވެ.

" އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ވަރުގަދަ އިންފްރާސްޓްރަކްޗަރ އެއް ބިނާކުރުމަކީ މުހިންމުކަމެއް. އެހެންކަމުން މިފަދަ އިންވެސްޓްމަންޓްތަކާ އެކު ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފުރިހަމަ މަންފާ ދިވެހި މުޖުތަމައުއަކަށް ފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." ނަޖީބު ޚާން ވިދާޅުވި އެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޝްރޫޢު އާއިއެކު ކުޅުދުއްފުށި ވެގެންދާނީ މާލެ ސިޓީގެ އިތުރުން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅާލެވޭ ފުރަތަމަ ރަށަށް ކަމަށެވެ. އަދި މި ފަޚުރާއެކު އުތުރުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށްވެސް އެތަކެއް ކުރިއެރުންތަކަކާއި ފުރުޞަތުތަކެއް ފަހިވެ އައު އުސްމިންތަކަކަށް ވާސިލްކުރާނެ ކަމުގެ ޝައްކެއްވެސްނެތް ކަމަށެވެ.

" މި އާ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްގެ ލޭންޑިންގ ސްޓޭޝަން ހޯސްޓްކުރުމަށް ކުޅުދުއްފުށި ސިޓީ އިޚްތިޔާރުކުރި ކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." އާތިފް ވިދާޅުވި އެވެ.

ޕީސް ކޭބަލްގެ މަސައްކަތް ފުރިހަމަކޮށް، 2023 ވަނަ އަހަރުގެ ކުރީކޮޅު ކުޅުދުއްފުށީގައި ކޭބަލް ގުޅުވާލެވޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ލަފާކުރެ އެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އައު ޓެކްނޮލޮޖީއާއި، އައު އީޖާދުތަކާއި، އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްޤީއާ ގުޅުވާލަދޭ އިންޤިލާބީ 5ޖީ ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނެޓްވަރކް ތައްޔާރަށް އޮތް މިންވަރު އިތުރުވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް