ޕީޕީއެމްގެ ސަރުކާރަކީ ކުރީ ސަރުކާރަކުން އަޅާފައި ހުންނަ ހުރިހާ އިމާރާތެއް ތަޅާލަން ވިސްނާނެ ބައެއް ނޫން: ސަލީމް

ޕީޕީއެމްގެ ސަރުކާރަކީ ކުރީ ސަރުކާރަކުން އަޅާފައި ހުންނަ ހުރިހާ އިމާރާތެއް ތަޅާލަން ވިސްނާނެ ބައެއް ނޫން ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ. ސަލީމް މި...

13 Dec 2021 | 13:07

ޕީޕީއެމްގެ ސަރުކާރަކީ ކުރީ ސަރުކާރަކުން އަޅާފައި ހުންނަ ހުރިހާ އިމާރާތެއް ތަޅާލަން ވިސްނާނެ ބައެއް ނޫން ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމް މިފަދައިން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް "ފުރާޅުން ޓިނުނެގުން ފަދަ ހުތުރު ކަންކަން" ކުރުން ނޫން ކަމަށް ނައިބު ރައީސް ވިދާޅުވުމާއިގުޅިގެން އެކަމަށް ރައްދު ދެއްވަ އެވެ.

ފުވައްމުލައްސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ތާއަބަދު ކޮންމެވެސް ތަނެއްގެ ފުރާޅުން ޓިނު ނެގުން، ފާރެއް ތަޅާލުން، ދޮރު ވައްޓާލުން އެއީ އެންމެ ދަށުގައި ހުރި ގައުމުތަކުގައި ވެސް ބަލައިފި ކަމަށްވަންޏާ އޮންނަ އުސޫލެއް ނޫން ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ސަލީމް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރަކީ ކުރީ ސަރުކާރަކުން އަޅާފައި ހުންނަ ހުރިހާ އިމާރާތެއް ތަޅާލަން ވިސްނާނެ ބައެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް "މުޑުދާރު" އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސަލީމް މިހެން ވިދާޅުވި އިރު، "ކޮތަރުކޮށި" ނަމުގައި މިދިޔަ ހުކުރު ދުވަހުގެރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ސުޕްރީމް ކޯޓުގެ "ޓިނު ނަގަން" ޖެހިވަޑައިގެންނެވި ސަބަބު ރައީސް ޔާމީން ވަނީ ހާމަކުރައްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން އޭރު ނެތް ކަމަށެވެ. އެގޮތުން އޭރު ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށެވެ.

"އެހެންވެ އަޅުގަނޑަށް ލާޒިމުވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މި މައްސަލަތައް ބަލަން. މޯޓިވްއެއް ކަމަށް ގަބޫލު ކުރެވުނީ އެ މީހުންނަށް ލިބުނު އަގު ބޮޑު ހަދިޔާ. އޭރު މަނީ ލޯންޑްރިންގެ ގާނޫނުއޮތް ނަމަ މި ހުރިހާ އެންމެން ބަރާބަރަށް ހަތަރެސްކަނަނަށް މީގެ ތެރެއަށް ފެތޭނެ،" ރައީސް ޔާމީން އެރޭ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް