މޯލްޓާގެ އައު ސަފީރު، ރައީސް ސޯލިހަށް ފަތްކޮޅު އަރުވައިފި

މޯލްޓާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޫބަން ގައުޗީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފި އެވެ. ރައީސުލްޖުމްހޫރ...

13 Dec 2021 | 11:54

މޯލްޓާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޫބަން ގައުޗީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި މި ރަސްމިއްޔާތުގައި މޯލްޓާގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވެ އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފަ އެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަށް މޯލްޓާއާ ދެޤައުމުގެ އެއްގޮތް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. މިގޮތުން ޖޯގުރަފީ ގޮތުން ދެޤައުމުގައި ހުރި އެއްގޮތްކަމުގެ ވާހަކަފުޅުން ފެށިގެން މަލްޓިލެޓަލަރިޒަމް ވިސްނުންތަކާ ހަމަޔަށް ސަފީރު ވާހަކަފުޅު ދެއްކެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މޯލްޓާގެ އައު ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެ ޤައުމަށް ފައިދާވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.

މިގޮތުން، އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ގުޅޭގޮތުންނާއި، މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުންނާއި، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ކޮވިޑް ޕެންޑަމިކް މެނޭޖްކުރުމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭ ފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ މޯލްޓާގެ ގުޅުން ބަދަހިކުރެއްވުމަށް، ރާއްޖެއާ ގާތުން މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން އޮތްކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ރާއްޖެއާ ޔޫރަޕިއަން ޔޫނިއަންއާ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީއާ ގުޅޭގޮތުންނާއި، ވިސާގެ ކަންކަން ފަހިކުރުމާ ގުޅޭގޮތުންނާއި، ކައުންންޓަރ ޓެރަރިޒަމްގެ ދާއިރާއިން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި މޯލްޓާގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

ރާއްޖެއާއި މޯލްޓާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 5 މާރިޗު 1985 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް