މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޕޮޖް ހާންޕޮލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރީގައި ބޭއްވެވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ތައިލެންޑްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ތައިލެންޑާއެކު ރާއްޖެއިން ބާއްވަމުން އަންނަ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ދެބޭފުޅުން ވަނީ ދެޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން އިންވެސްޓްމަންޓް ޕްރޮސްޕެކްޓްސް، ޓްރޭޑް އެންޑް ކޮމާރސް، ރައްޔިތުންގެ ގުޅުން އިތުރުކުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން ފާހަގަކުރެއްވެވި އެވެ. އަދި މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ވަނީ ތައިލެންޑްގެ ރަސްގެފާނުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ދެޤައުމަށް ވެސް ފައިދާހުރި ދާއިރާތަކުން އެކުގައި މަސައްކަތްކޮށް އެއްބާރުލުން ދިނުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ތައިލެންޑު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ވިސާގެ ލުއިފަސޭހަކަމުގެ ޚިދުމަތާއި، ދިވެހި ދަތުރުވެރިންނަށް އޮންނަ ކޮވިޑް-19 ކަރަންޓީން ކުރުމުގެ މެންޑޭޓްގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ތައިލެންޑާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 21 ޖޫން 1979 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް