ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް މަރުޙަބާ ކިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮލަމްބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ މިޒް މަރިއާނާ ޕަޗޭކޯ މޮންތޭސް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، އެރުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ކޮލަމްބިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ވަރަށް ގިނަ މައުޟޫޢުތަކަށް މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، އިންސާނީ ވަޞީލަތްތަކާއި، ޤާބިލުކަން އިތުރުކުރުން ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮލަމްބިއާގެ ސަފީރާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް މަރުޙަބާ ކިޔާނެކަމަށާ، އެގޮތުން މަތީ ތައުލީމުގެ ދާއިރާ އާއި މެނުފެކްޗަރިންގ ދާއިރާފަދަ ދާއިރާތައް އެމަނިކުފާނު މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވެވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކޮލަމްބިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވަނީ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް ގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން ތިމާވެށި ޙިމާޔަތް ކުރުމުގެ ރޮނގުން ދެޤައުމުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް އޮތްކަން އެކަމަނާ ފާހަގަކުރެއްވެވި އެވެ. އަދި އެކަމަނާ ވަނީ ކޮލަމްބިއާ އަކީ އެމޭޒަން ރެއިންފޮރެސްޓްގެ ބޮޑު ބައެއް ޙިއްޞާކުރާ ޤައުމެއް ކަމަށާއި، ތިމާވެށި ޙިމާޔަތް ކުރުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް މުހިންމު ކަމެއް ނޫން ކަން ފާހަގަ ކުރައްވާފަ އެވެ.
ޤައުމެއްގެ ގޮތުގައި ކޮލަމްބިއާ ދެމިއޮތުމަށްޓަކައި ތިމާވެށި ޙިމާޔަތްކުރުން އެޤައުމަށް މުހިންމުކަމުގައި ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެށި ޙިމާޔަތް ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ވެސް ރާއްޖެއަށް ވަރަށް މުހިންމު މައްސަލަތަކެއްކަން ފާހަގަކުރައްވާފަ އެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ކުދި ބަދަލުތަކުގެ ސަބަބުން، އިޢާދަކުރަނިވި ހަކަތަ އިޚްތިޔާރު ކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރުގެ ބައްދަލުވުން ނިންމަވާލެއްވީ ދެ ޤައުމުގެ ގުޅުން ރަނގަޅުވުމުގެ އުއްމީދުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް