އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5 ) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި އެވެ. މި ބިލަކީ 29 ނޮވެންބަ...

13 Dec 2021 | 09:34

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ޤާނޫނު ނަންބަރު 2009/5 ) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ 29 ނޮވެންބަރު 2021 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 49 ވަނަ މާއްދާ ފަހަތަށް 1-49 ގެ ގޮތުގައި މާއްދާއެއް އިތުރުކޮށް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، ކަމާގުޅޭ ޤަވާޢިދާ އެއްގޮތަށް އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ އެ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންކަމަށް ބަޔާންކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީއާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމާއި މިކަންކަން ކުރިޔަށްގެންދާނެ ގޮތްތަކާއި އުސޫލުތައް މިކަމަށް ހަދާ ޤަވާއިދުގައި ހިމެނުމަށް މި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން މި އިސްލާހުގައި "ރަށު ކައުންސިލު"، "ސިޓީ ކައުންސިލު" އަދި "އަތޮޅު ކައުންސިލު" މާނަކުރާގޮތް ހިމަނާފައި ވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މި ބިލު ޤާނޫނަކަށް ވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިޢު ކުރަންޖެހެ އެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ( ޤާނޫނު ނަންބަރު 2009/5 ) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ސާއިޢު ކުރައްވާފަ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް