ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގެ ރެޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި މައްސަލަ ލޯކަލް ގަވާމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ހުއްޓުވައިފި އެވެ.
ހުޅުމާލޭ ރެޖިސްޓްރީ ބާތިލް ކުރީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނެތި ހުޅުމާލޭގައި އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ "ކޮތަރު ކޮށި" ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދިނުމުންނެވެ. މާލޭ ސިޓީ ކައުންސިލަކީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.
ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭއަށް މި މައްސަލަ ހުށަހެޅީ އެޗްޑީސީންނެވެ. އެ ކޯޕަރޭޝަނުން ވަނީ ރެޖިސްޓްރީ ބާތިލް ކުރި މައްސަލަ ސިވިލް ކޯޓަށްވެސް ވައްދާފަ އެވެ.
މިއަދު އޮތް އެލްޖީއޭގެ ބައްދަލުވުމުގައި ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލުން ފާސްކުރި ގޮތަށް އަމަލުކުރުން ހުއްޓުވުމުގެ އިތުރަށް އެކަން ހިނގައިދިޔަ ގޮތުގެ އިންކުއަރީއެއް ކުރިއަށް ގެންދާށެވެ.
ހުޅުމާލެ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނެފައި ވަނީ ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ، އަމިއްލަ ބިމެއް ކަމަށެވެ. އެއީ ގާނޫނީ ގޮތުން މުދާ މިލްކު ކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަހުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނުއަސާސީއާ ވެސް ހިލާފަށް ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.
ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ޑިސްޕިއުޓް މަރުހަލާ އިން ހައްލެއް ނުލިބުމުން ޝަރީއަތް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް