ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި އެވެ. މި ބިލަކީ، މި އަހަރުގެ...

13 Dec 2021 | 08:19

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބޭނުމަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 150 ވަނަ މާއްދާގައި، އެ ޤާނޫނާއި އެ ޤާނޫނުގެ މަޤްޞަދުތަކާއި ތަޢާރުޟުވާ ޤާނޫނުތައް ފާހަގަކޮށް، އެ ޤާނޫނަށް 9 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނަށް އަމަލުކުރަން ފެށި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެފަދަ ޤާނޫނުތަކަށް އިޞްލާޙް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާތީ، އެ ޤާނޫނުގެ މަޤްޞަދުތަކާ ތަޢާރުޟުވާ ކަންކަން އިޞްލާޙުކުރުމެވެ.

އެގޮތުން އިޞްލާޙްކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންތައް، ކަމާބެހޭ މިނިސްޓްރީތަކާއި، ދައުލަތުގެ އިދާރާތަކާ ޙަވާލުކުރާނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިންކަމުގައި ބަޔާންކޮށްފައި ވެއެވެ. އަދި މި ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބިން ޙަވާލުކުރެވޭ މިނިސްޓްރީތަކާއި ދައުލަތުގެ އިދާރާތަކުން، ބިން ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެނިހެން މުޢާމަލާތުކުރަންވާނީ، މި ޤާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާ ބެހޭގޮތުން ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމުގައިވެސް ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުންވެސް މި ޤާނޫނަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެންނަވާފަ އެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން މި ޤާނޫނުން ބުނެވިދިޔަ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްވަނީ ކަނޑައަޅުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފަ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް