ސިވިލް ކޯޓާއި ޑްރަގް ކޯޓު ރިސެސް އަށް ނުދާން ނިންމައިފި

ކޯޓުތަކުގެ ޤަވާއިދު ކަނޑައެޅިފައި އޮންނަ ޤާނޫނުގެ ދަށުން އަހަރަކު ދެ ފަހަރު ކޯޓުތައް ރިސެސްއަށް ދިއުމަށް ކަނޑައެޅިފައި އޮންނަ ނަމަވެސް މި އަހަރުގެ ދެވަަނަ ބުރުގައި ރިސެސް އަށް ނުދިއުމަށް ސިވިލް ކޯޓުން...

13 Dec 2021 | 08:15

ކޯޓުތަކުގެ ޤަވާއިދު ކަނޑައެޅިފައި އޮންނަ ޤާނޫނުގެ ދަށުން އަހަރަކު ދެ ފަހަރު ކޯޓުތައް ރިސެސްއަށް ދިއުމަށް ކަނޑައެޅިފައި އޮންނަ ނަމަވެސް މި އަހަރުގެ ދެވަަނަ ބުރުގައި ރިސެސް އަށް ނުދިއުމަށް ސިވިލް ކޯޓުންނާއި ޑްރަގް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން ވިދާޅުވީ ޑިސެމްބަރު މަހުގެެ ފުރަތަމަ 20 ދުވަހު އެ ކޯޓު ރިސެސްއަށް ދިއުމަށް ކަލަންޑަރުގައި ހިމަނާފައި އޮތް ނަމަވެސް އެ ނިންމުން ބަދަލުކޮށް ރިސެސްއަށް ނުދިއުމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ކަމުގައެވެ.

އެގޮތުން ސިވިލް ކޯޓުން މި ނިންމުން ނިންމާފައިވަނީ, އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް ގިނަ ކަމުން މައްސަލަތައް ނިންމުމަށް ވަގުތު ދިނުމަށް ކަމަށް އެ ކޯޓުން މަޢުލޫމާތުދެއެވެ.

ޑްރަގް ކޯޓުން ރިސެސް އަށް ނުދާން ނިންމާފައި ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމިއޮތުމުން އަވަސް މިނުގައި މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެފައި ވާތީ ކަމަށް ހާމަކުރެއެވެ. އަދި މިވަގުތު ރިސެސްއަށް ހިނގައްޖެނަމަ ޝަރީއަތްތައް އިތުރަށް ލަސްވެދާނެކަމަށް ކަމަށް ޑްރަގް ކޯޓުން މަޢުލޫމާތުދެއެވެ.

ކޯޓްތަކުގެ ޤަވާއިދު ކަނޑައެޅިފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓާއި ހައިކޯޓު މިހާރު އޮތީ ރިސެސްގައެެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހަށެވެ.

ސްޕްރީމް ކޯޓާއި ޑްރަގް ކޯޓުން ރިސެސް އަށް ނުދިއުމަށް ނިންމި ނަމަވެސް ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓު ރިސެސްއަށް ދާނެއެވެ.

ރިސެސްގެ މުއްދަތުގެ ތެރޭގައި ކޯޓުން އެއްވެސް ޝަރީއަތެއް ކުރިއަކަށް ނުގެންދާނެއެވެ. އެހެންނަަމަވެސް ކޯޓުގެ އިދާރީ މަސައްކަތްތަކާއި މައްސަލަ

ބަލައިގަތުން ފަދަ ކަންކަން އެ ދުވަސްވަރުގައި ކުރިއަށް ގެންދާނެއެވެ. ހަމައެހެންމެ މި މުއްދަތުގެ ތެރޭގައި ކޯޓުގެ ފަނޑިޔާރުން ބޭނުންވެއްޖެނަމަ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދެވިދާނެއެވެ.

އަދި ޤާނޫނަކުން ވަކި މުއްދަތަަކަށް ކަމެއް ނިންމަން ލާޒިމް ކުރާނަމަ އެ މުއްދަތުގެ ތެރޭގައި އަޑުއެހުންތައް ބޭއްވުމަށް ޤާނޫނު ލާޒިމު ކުރެއެވެ.

މީގެއިތުރުން، އަވަސްކޮށް ބަލާ ނިންމަން ޖެހޭ މައްސަލައެއް ކަމުގައި ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެވޭ މައްސަަލަތަކާއި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތްތައް ވެސް ރިސެސްގެ މުއްދަތުގައި ބާއްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް