ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި އެވެ. މި ބިލަކީ، މި އަހަރުގެ...

13 Dec 2021 | 07:51

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ހުއްދައޮތް ލޯނަކަށް މެނުވީ ދައުލަތުގެ ފައިސާ ދޫނުކުރުމުގައި ޢަމަލުކުރަންވީ އުޞޫލަށް އިޞްލާޙް ގެނެސްފައިވެއެވެ. އަދި ކައުންސިލްތަކުން ދަރަންޏަށް ނަގާ ފައިސާ ނެގުމުގެ ހަމަތަކާއި އެކަމުގައި އަމަލުކުރުމުގެ އުޞޫލުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު ކައުންސިލުގެ މުދާ ހުއްދަކުރެވިގެން ވިއްކުމާއި އެއާމެދު ޢަމަލުކުރުމުގެ ހަމަތަކާއި، ކައުންސިލުތަކުން އަމިއްލަ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް ދޭ އެހީ ދެވޭނެ ގޮތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި، ވަކި ކައުންސިލަކަށް އެ އަހަރަކަށް ލިބޭ އާމްދަނީއިން ޚަރަދުތައް ކަނޑައި ބާކީ ހުންނަ ފައިސާ، އެއްބަސްވާ ގޮތެއްގެމަތިން އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ގޮތަށް ދޫކުރާ ފައިސާ އަނބުރާ ނުދައްކާނަމަ އެފަރާތަކަށް ސަރުކާރުން ދޭ ފައިސާއިން އުނިކޮށް، އެ ފައިސާ އަނެއް ކައުންސިލަށް ދޫކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، މި ގޮތަށް ލޯނު ދޫކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ލޯނާގުޅޭ އެންމެހައި މަޢުލޫމާތު މިނިސްޓްރީއާ ޙިއްޞާކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމަށް މި ޤާނޫނުގައި ކަނޑައަޅުއްވައިފައި ވެއެވެ.

މީގެ އިތުރުންވެސް މި ބިލުގައި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ވަރަށް މުހިންމު އިޞްލާޙްތަކެއް ވަނީ ގެންނަވާފަ އެވެ. އަދި މި ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި އެ ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް