އިޓަލީގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އައުޓްޑޯ އެޑްވަޓައިޒިންގ ކެމްޕެއިނެއް ފަށައިފި

އިޓަލީގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމުގެ ގޮތުން އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނެއް މީޑިއާމޮންޑާއެކު ވިޒިޓް މޯލްޑިވްސްއިން ފަށައިފި އެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދ...

13 Dec 2021 | 07:26

އިޓަލީގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމުގެ ގޮތުން އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނެއް މީޑިއާމޮންޑާއެކު ވިޒިޓް މޯލްޑިވްސްއިން ފަށައިފި އެވެ.

މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ނެވެ.

މިގޮތުން މި ކެމްޕެއިންގެ ހަރަކާތްތައް 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3 ހަފްތާއަށް އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ހަފްތާއަށް ކުރިއަށް ގެންދާނެވެ.

މީޑިއާމޮންޑްއަކީ އިޓަލީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިންގާ އެއް ކުންފުންޏެވެ. މި ކުންފުނިން މަސައްކަތް ކުރަނީ އިޓަލީގެ މީޑިއާ ގްރޫޕް، މީޑިއާސެޓް އަދި ލީޑިންގ ޕަބްލިޝިންގ ހައުސް މޮންޑަޑޯރީއާއެކު އެވެ.

މީޑިއާމޮންޑްގެ އިޝްތިހާރާއި، ކެމްޕެއިންތައް ބްރޯޑްކާސްޓުކޮށް، ޝާއިޢުކުރާ ފަރާތްތަކުގެ ތެރޭގައި އިޓަލީގެ މަޝްހޫރު 70 މީޑިއާ ބްރޭންޑެއް ހިމެނެއެވެ. މިއީ އެންމެ ފުޅާ ދާއިރާއެއްގައި އިޓަލީގައި ޕްރިންޓް، އިންޓަރނެޓް، މޯބައިލް، ރޭޑިއޯ އަދި ޑިޖިޓަލް އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން އިޝްތިހާރާއި، މާކެޓިންގ ހަރަކާތްތައް ހިންގާ އެއް ފަރާތެވެ.

ވިޒިޓް މޯލްޑިވްސް އަދި މީޑިއާމޮންޑްއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން މިލާންގެ 6 ސަރަހައްދެއްގައި ރާއްޖޭގެ ފޮޓޯ، ވީޑިއޯ ހިމެނޭ ޑިޖިޓަލް އިޝްތިހާރުތައް ދައްކާނެއެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް އިޚްތިޔާރުކުރާ މަންޒިލެއްގެ ގޮތުގައި ހެދުމެވެ.

މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިންނަށް ހާއްސަ މަންޒިލެއްގެ ނޫންކަން އިޓަލީގެ ފަތުރުވެރިންނަށް ޕްރެޒެންސް އިތުރުކުރުމެވެ. އަދި ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ފިނި މޫސުމުގައި އެ ޤައުމުގެ ފަތުރުވެރިން ދަތުރުކުރުމަށް އަންގައިދީ، ރާއްޖެއިން ލިބެން ހުންނަ ފަތުރުވެރިކަމުގެ އިތުރު ސެގްމަންޓުތައްކަމަށްވާ ވެލްނަސް، ރޮމޭންޓިކް، ޑައިވިން އަދި ވޯޓާ ސްޕޯޓްސް ފަދަ ސެގްމެންޓުތައް އިޝްތިހާރުކުރެވޭނެ އެވެ.

މި ކެމްޕެއިން ހިންގޭ ދަނޑިވަޅަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި އެހެން ޖަޒީރާ ޤައުމުތައް މަޤޫބޫލުކަން އިތުރުވަމުންދާ ދަނޑިވަޅެއްކަމުން މި ކެމްޕެއިންގެ ސަބަބުން މިކަން ބަދަލުކުރުމަށް ފުރުސަތު ލިބޭނެ އެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަނީ ވިޒިޓް މޯލްޑިވްސްއިން އިޓަލީ މާކެޓަށް ކަޑައެޅިފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުން ނެވެ. މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޓަލީ މާކެޓުގައި އިޝްތިހާރުކުރެވޭނެ އެވެ.

މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން އިޓަލީ މާކެޓަށް އަމާޒުކޮށްވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ވެލްކަމް ޓްރެވަލްސް، އީޒީ މާކެޓް ކެމްޕެއިންގެ އިތުރުން ބިޓް މިލާން ހިމެނެވެ. ވިޒިޓް މޯލްޑިވްސްއިން މިހާރުވެސް މި މާކެޓުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އީ-ލާނިން ކެމްޕެއިން, އެލްޕިޓުއާ އާއެކު ކުރިއަށް ގެންދާ ކެމްޕެއިން އަދި ބްލުވަކަންޒާއާއެކު ކުރިއަށް ގެންދާ ކެމްޕެއިން ހިމެނެ އެވެ.

މި މާކެޓަށް އަމާޒުކޮށް މި އަހަރު ހިންގަން ރޭވިފައިވާ ލޯންލީ ޕްލެނެޓާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިން ހިމެނެ އެވެ.

ޕެންޑަމިކްގެ ކުރިން އިޓަލީ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓެވެ. 2020 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 690،46 ފަތުރުވެރިން ދަތުރުކޮށްފައިވާއިރު، މި މާކެޓަކީ ރާއްޖެއަށް 4 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ.

2019 ވަނަ އަހަރު މި މާކެޓުން ރާއްޖެއަށް 343،136 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މާކެޓް އެ އަހަރު އޮތީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓުގެ ގޮތުގަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިޓަލީ ބޯޑަރު ބަންދުކުރުމުގެ ސަބަބުން މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަު ވަނީ ދަށަށް ގޮސްފަ އެވެ.

މި އަހަރުގެ މިހާތަނަށް އައިއިރު ރާއްޖެއަށް 1،060004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 633،12 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީން ނެވެ.

މިދިޔަމަހުގެ 29 ވަނަ ދުވަހު އިޓަލީ ސަރުކާރުންވަނީ ރާއްޖެ އަދި އެހެން ގައުމުތަކާ އެކު ޓްރެވެލް ކޮރިޑޯ އެއް ގާއިމްކޮށްފަ އެވެ. މީގެ ސަބަބުން ރާއްޖެ އަށް ޒިޔާރަތްކުރާ އިޓަލީ ފަތުރުވެރިން އަނބުރާ ގައުމަށް ދިޔުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެއެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ބަލިމަޑުކަމުގެ ކުރިން އިޓަލީ މާކެޓްގައި ރާއްޖެ މަޤޫބޫލުކަން ހުރި މިންވަރަށް އަނެއްކާވެސް އިޔާދަކުރުމެވެ. އަދި އިޓަލީ ފަތުރުވެރިންގެ މެދުގައި ދިވެހިރާައްޖެއަކީ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެގޮތުގައި ދެމެހެއްޓުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް