ތަރައްގީގެ ކަންތައްތަކުގައި ސަރުކާރުން އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުން: ނައިބު ރައީސް

ތަރައްގީގެ ކަންތައްތަކުގައި ސަރުކާރުން އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް...

13 Dec 2021 | 05:54

ތަރައްގީގެ ކަންތައްތަކުގައި ސަރުކާރުން އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ހާފިޒް އަހުމަދު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ދަނީ ހުރިހާ ރަށްރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ހިންގަމުން ކަމަށެވެ.

އެގޮތުން ތަރައްގީގެ މަޝްރޫއެއް ނުހިންގާ އެއްވެސް ރަށެއް ނެތް ކަމަށާއި ރައްޔިތުންނަށް ވީ ވައުދުތައް އެއްވެސް ތަފާތު ކުރުމެއް ނެތި ފުއްދަމުންދާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ފުވައްމުލަކުގައި ފަށާފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ ދަށުން، އެ ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.

މިއީ ނެދަލޭންޑްސްގެ ސަރުކާރުގެ ހިލޭ އެހީއާއި، ކުވޭތު ފަންޑުގެ ލޯނު އެހީއާއި، ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 300 މިލިއަން ރުފިޔާ ޚަރަދު ކުރާ އިރު، މި މަޝްރޫއު ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑް މޯލްޑިވްސް އަށެވެ.

މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީ ހޯގާޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕެއާ ވިންތާ ލާސަނެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްދެއްވީ ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި، ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓާންޔާ ގޮންގްރިޖެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް