މި ސަރުކާރުން ނޫސްވެރިކަމަށް ފުރިހަމައަށް މިނިވަންކަން ދޭނެ ކަމަށާއި އެކަމުން ސަރުކާރަށް ލިބެނީ ފައިދާ ކަމުގައު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އިންސާނީ ހއްގުތަކުގެ ދުވަހާއި، އެޗްއާރްސީއެމްއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންސާނާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދާ ކަމަށެވެ. އަދި އިތުރު މަޝްރޫއުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމަށެވެ.
" އަސާސީ ޚިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ކުރީގެ ސަރުކާރުތަކަށް ގަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، މި ސަރުކާރުން އަންނަނީ އެ ޚިދުމަތްތައް ގާއިމުކުރަމުން. އަދި މީގެ ކުރިން ހަމައެކަނި ލިޔުމުގައި ބަޔާންކޮށްފައިވާ ހައްގުތައް މިހާރު ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ހައްގުތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް." ރައީސް ވިދާޅުވި އެވެ.
ގައުމުގައި އެންމެ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދެންޖެހޭ ހައްގުތައް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް ގޯނާކުރުމަކީ މި ސަރުކާރުން ތަހައްމަލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ހުރިހާ ހަކަތައެއް ބޭނުން ކޮށްގެން ވެސް، އެ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް