ސްޕެނިޝް ލީގި: އެތްލެޓިކޯ ބަލިކޮށް ރެއާލުން އެއްވަނާގައި ބޮޑު ލީޑެއް ނަގައިފި

ރެއާލް މެޑްރިޑުން ސްޕެނިޝް ލަ ލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. އަމިއްލަ ދަނޑުގައި ރެއާލުން އެތްލެޓިކޯ ބަލިކުރީ 2-0 ގެ ނަތީޖާއިންނެ...

13 Dec 2021 | 04:04

ރެއާލް މެޑްރިޑުން ސްޕެނިޝް ލަ ލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އަމިއްލަ ދަނޑުގައި ރެއާލުން އެތްލެޓިކޯ ބަލިކުރީ 2-0 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުން ހޯދި މޮޅާއި އެކު ރެއާލުން ވަނީ މިހާތަނަށް ކުޅުނު 17 މެޗުން 42 ޕޮއިންޓް ހޯދައިފަ އެވެ.

އެތްލެޓިކޯ މެޑްރިޑުން ރެއާލްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް މެޗުގައި ފޮނުވާލި ނަމަވެސް ގިނަ ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ. އަދި ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އާއި ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ އެތްލެޓިކޯގެ އެޓޭކްތަކާއި ހަމަލާތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ރޭގެ މެޗުގައި ރެއާލް އިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 16 ވަނަ މިނެޓުގައި ކަރީމް ބެންޒެމާއެވެ. މި ލަނޑާ އެކު އޭނާ މި ސީޒަނުގައި ރެއާލަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 13 އަށް އަރާފައެވެ.

މެޗުގެ ފުރަތަމަ ހާފު ރެއާލް ލީޑުގައި އޮވެ ނިމުނުއިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކޯ އެސެންސިއޯ އެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި ރެއާލް އަށް ކާމިޔާބު ކޮށްދިން ފަސް ވަނަ ލަނޑެވެ.

ރެއާލް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ރެއާލަށް ވުރެ އަށް ޕޮއިންޓް ފަހަތުން ލީގު ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ސެވިއްޔާއެވެ. އަދި ތިންވަނައިގައި އޮތް ރެއާލް ބެޓިސް އަށް ލިބިފައި ވަނީ 34 ޕޮއިންޓެވެ.

ރެއާލް އަތުން ބަލިވި އެތްލެޓިކޯ އޮތީ 29 ޕޮއިންޓާއި އެކު ތާވަލްގެ ހަތަރުވަނާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް