ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓާ ޑޯޒު) ޖެހި މީހުންގެ އަދަދު ރާއްޖެއިން 19،432 އަށް އަރައިފި ކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 11 ވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 396،162 އަށް އަރާފައެވެ.
ހޮނިހިރު ދުވަހު 16 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 9 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގް ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގް ފުރަތަމަ ޑޯޒު ޖެހީ 7 މީހުނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު ހޮނިހިރު ދުވަހު 150 މީހަކު ޖަހާފައިވެއެވެ. މީގެ ތެރެއިން 15 މީހަކު ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 135 މީހުނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 365،482 އަށް އަރާފައެވެ.
މީގެ އިތުރުން، ވެކްސިންގެ ބޫސްޓަރ ޑޯޒު ހޮނިހިރު ދުވަހު ފުރިހަމަ ކޮށްފައި ވަނީ 485 މީހުނެވެ. އޭގެ ތެރެއިން 94 މީހުން ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން އެ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ 391 މީހުނެވެ. މިއާއެކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 19،432 އަށް އަރާފައެވެ.
ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒު އެޗްޕީއޭއިން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި ޕްރޮންޓް ލައިންގައި މަސައްކަތް ކުރައްވާ ސިއްޚީ ޚިދުމަތް ތެރިންނަށް އަމާޒު ކޮށްގެން ޖަހާފައި ވާއިރު ދެކުނު އެފްރިކާ އިން އަލަށް ފެނުނު ކޮވިޑްގެ ވޭރިއަންޓް އޮމިކްރޯން އާއި ދެކޮޅަށް ދިވެހި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒު ޖަހަން ފަށާފައި ވެއެވެ. ބޫސްޓަރ ޑޯޒުގެ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަށް ވާން ވާނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއިި ދެވަނަ ޑޯޒުު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ. ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒުގެ ގޮތުގައި ޖަހަން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް