ކޮންޒަރވެޓިވް ޕާޓީން ހޯދި ކާމިޔާބީއަށް ރައީސް ސާލިހް، ނަޝީދު އަދި މައުމޫން މަރުހަބާ ދަންނަވައިފި

ކޮންޒަރވެޓިވް ޕާޓީން ހޯދި ކާމިޔާބީއަށް ރައީސް ސާލިހް، ނަޝީދު އަދި މައުމޫން މަރުހަބާ ދަންނަވައިފިއެވެ. ތިން ރައީސުން އެ ޕާޓީއަށް މަރުހަބާ ދެންނެވީ އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބުގައި އެ ޕާޓީން ކާމ...

13 Dec 2019 | 10:41

ކޮންޒަރވެޓިވް ޕާޓީން ހޯދި ކާމިޔާބީއަށް ރައީސް ސާލިހް، ނަޝީދު އަދި މައުމޫން މަރުހަބާ ދަންނަވައިފިއެވެ.

ތިން ރައީސުން އެ ޕާޓީއަށް މަރުހަބާ ދެންނެވީ އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބުގައި އެ ޕާޓީން ކާމިޔާބީ ހޯދުމުން ކުރައްވާފައިވާ ޓްވީޓުގައެވެ.

އެގޮތުން ރައީސް ސާލިހްގެ ޓްވީޓުގައި ވަނީ ހޯދި ކާމިޔާބީއާއެކު ދެ ގައުމުގެ ދެމެދު އޮތް ގުޅުން ކުރިޔަށް އޮތް ތަނުގައި އިތުރަށް ވަރުގަދަކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެގައުމަކީ ރާއްޖެއާއި އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރި ގައުމު ކަމަށާއި 1965 ވަނަ އަހަރުން ފެށިގެން ދެ ގައުމުން ކަންބޮޑުވާ ކަންތަައްތަކާއި ގުޅިގެން މަޝްވަރާކުރައްވާފައި ކަމަށެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ޓްވީޓުގައި ރާއްޖެ ކޮމަންވެލްތާއި އަލުން ގުޅުމުން މޫސުމަށް އަންނަ ބަދަލުތައްފަދަ މައްސަލަތަކަށް ދެގައުމު ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކުރަން އުއްމީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަދި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ކޮންޒަރވެޓިވް ޕާޓީ ހޯދި ކާމިޔާބީއަށް އެމްއާރްއެމްގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށާއި ކުރިޔަށް އޮތް އަހަރުތަކުގައި ކާމިޔާބީއަށް އެދޭ ކަމަށެވެ.

2022 ވަނަ އަހަރު ބާއްވަން އޮތް އިންތިހާބު އަވަސް ކުރުމަށް ފަހު އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި 650 ދާއިރާއަކަށް މެމްބަރުން ހޮވާފައިވެއެވެ.

އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދަން 326 ގޮނޑި ބޭނުންވާ އިރު، މިހާތަނަށް 358 ގޮނޑި ކޮންޒަރވޭޓިވް ޕާޓީން ވަނީ ހޯދާފައެވެ.

އިއްޔެގެ އިންތިޚާބުގައި ޖެރެމީ ކޯބިންގެ އިދިކޮޅު ލޭބަރ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މިއީ 1935 ވަނަ އަހަރަށް ފަހު ލޭބަރ ޕާޓީއަށް އެންމެ މަދު ގޮނޑިތައް ލިބޭ އަހަރަށް ވެގެން ދާނެކަމަށް އިނގިރޭސި މީޑިއާ އަންނަނީ ބުނަމުންނެވެ.

ލޭބަރ ޕާޓީއަށް މިހާތަނަށް ލިބިފައިވަނީ 203 ގޮނޑިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް