ވީމީޑިއާ އޮރިޖިނަލްސް އިން އުފައްދާ ދެވަނަ ފީޗަރ ފިލްމު "ކޮސް ގިނަ މިސްޓޭކް" ރިލީޒް ކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގެވެ.
މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ވިދާޅުވީ މަސައްކަތްކުރީ މިމަހުގެ ކުރީކޮޅުގައި ފިލްމު އެޅުވުމަށް ކަމަށާއި ނަމަވެސް އޮލިމްޕަސް ނުލިބި ތާރީހުތައް ފަސް ވަމުން ގޮސް މި ހިނގާ ނޮވެމްބަރު މަހުގެ ފަހުކޮޅަށް ޖާގަ ލިބުމުން ފަސް ކޮށްލަން ނިންމީ ކަމަށެވެ.
"އެނގިލައްވާނެ ފިލްމެއްވެސް ތައްޔާރު މި ކުރެވެނީ ވިޔަފާރީގެ ބައިވެސް މީގައި ހިމެނިގެން، ނޮވެމްބަރު 21ގައި ސްކޫލްތައް ބަންދުވާއިރު ގިނަ މީހުން ޗުއްޓީތަކަށް ދިއުމާ މިފަދަ ކަންކަން ހުންނާނެތީ ކުރިންވެސް ކުރެވުނު ތަޖުރިބާއަށް ބަލާފަ މިގޮތަށް ނިންމީ" އޭނާ ވިދާޅުވިއެވެ.
ފިލްމު 2020 އަށް ފަސްކުރިކަން ހާމަކުރިނަމަވެސް ދެން ރިލީޒް ކުރާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ފިލްމަކީ ބޮޑު ކާސްޓަކާއެކު މަސައްކަތް ފަށާފައިވާ ފިލްމެކެވެ. އޯގަސްޓް 28ގައި ޝޫޓިން ފެށި މި ފިލްމު އަޅުވަން އޮތީ މި މަހުގެ ތެރޭގައެވެ.
މި ފިލްމު ލިޔެ ޑައިރެކްޓް ކުރަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ 13 އަށްވުރެ ގިނަ ތަރިންނާއެކު ކުރިއަށްގެންދާ މި ފިލްމަކީ ލޯބީގެ ކޮމިޑި ފިލްމެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ހާމިދު ޢަލީ (ހާމިދު)، ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން (ސީޒަން)، މަރިޔަމް އައްޒަ (އައްޒަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހިމް ޝާފިއު (ފުބޫ)، އިރުފާނާ އިބްރާހީމް (އިރޫ)، އަޙްމަދު ސައީދު (ސައީދު)، އަޙްމަދު ނިމާލް (ނިމާލް)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު އީސަ (އާނަންދު)، ގުލިސްތާނު މުޙައްމަދު ގެ އިތުރުން މުޙައްމަދު ނަވާލް އާއި އާއިޝަތު ލަހުފާ މުހައްމަދު (ލަހޫ) ހިމެނޭއިރު މި ފިލްމުގެ އޮންލައިން ޕާޓްނަރަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް އެންމެ ތާޒާކަމާއެކު ގެނެސްދޭ އޮންލައިން ނޫސް ކަމުގައިވާ "މުނިއަވަސް"އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް