އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ފިޝަރީޒް އެކްސްޕޯ 2019ގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެގޮތުން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 39ވަނަ މަސްވެރިންގެ ދުވަހާއި ދުވަހާއި ގުޅުވައިގެން [ފިޝަރީޒް އެކްސްޕޯ 2019] ގެ ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މިއެކްސްޕޯގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަޟީލަތްތަކާއި އެމަސައްކަތްތައް ކުރުމަށް ބޭނުންކުރާ އާލާތްތައް އަދި އެ ޞިނާޢާތްތަކުގެ އުފެއްދުންތަކާއި އެޞިނާޢަތްތަކާއިބެހޭ މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ކަމަށެވެ.
" މިއެކްސްޕޯގައި މަސްވެރިކަމާއި ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ މި އެކްސްޕޯގައި ބައިވެރިވެލައްވަން ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު އާންމުކޮށް އިއުލާނުކުރާ ކަމަށާއި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހުރަވީ ސްކޫލުގައި ކަމަށެވެ. އެކްސްޕޯ އޮންނާނީ ޑިސެމްބަރު މަހުގެ ހަޔަކުން އަށަކަށް ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެކްސްޕޯގައި ބައިވެރި ކުރެވޭނީ މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަން ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި މަސްވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އާލާތްތައް ކަމަށާއި މި އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަސް ކަމުގައިވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް