އާތިކާއަށް ފިޔަވަޅު އެޅީ ޤަވާއިދާ ހިލާފަށް: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ އިބްރާހިމް ސަސްޕެންޑްކުރީ ޤަވާއިދާ ހިލާފަށް ކަމަށާއި ކޯޓުގެ މުވައްޒަފުންނާ މެދު ޤާނޫނާއި ޤަވާއިދުގެ ބޭރުން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އުއްތަމަ ފ...

13 Nov 2019 | 09:14

ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ އިބްރާހިމް ސަސްޕެންޑްކުރީ ޤަވާއިދާ ހިލާފަށް ކަމަށާއި ކޯޓުގެ މުވައްޒަފުންނާ މެދު ޤާނޫނާއި ޤަވާއިދުގެ ބޭރުން ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑީޔާރުގެ ޕާސަނަލް ސެކްރެޓްރީގެ މަގާމު އަދާ ކުރައްވާ އާތިކާ، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ސަސްޕެންޑްކޮށްފައި ވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އާތިކާއާ މެދު ޑީޖޭއޭއިން ފިޔަވަޅު އަޅާފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދާ ހިލާފަށްކަމަށާއި، ޝަރުއީ ދާއިރާގެ މުވައްޒަފެއްގެ އެއްވެސް މައްސަލައެއް ޑީޖޭއޭއަށް ބެލޭނީ އެ މައްސަލައެއް އެންމެ ފުރަތަމަ މުވައްޒަފުގެ ކޯޓުން ބެލުމަށްފަހުގައި ކަމަށެވެ. އަދި މުވައްޒަފަކު ވަޒީފާ އިން ސަސްޕެންޑް ކުރެވޭނީ ވެސް އެ ކޯޓަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ގަވާއިދުގައި ބުނާކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާލުވީ، އާތިކާއާ މެދު ފިޔަވަޅު އެޅީ އެ އުސޫލުތަކުގެ ބޭރުން ކަމަށެވެ.

އެބަޔާނުގައި އުއްތަމަ ފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އުސޫލުތަކާ ހިލާފަށް ޑީޖޭއޭއިން އަމަލު ކުރަމުން ދާތީ އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސް އެޅޭ ކަމަށެވެ. މީގެއިތުރުން، ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާއިމެދު ޤާނޫނާ ހިލާފަށް އެލޫމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއު، އެހެން ކޯޓުތަކަށް ވެސް އެފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވެއެވެ.

އުއްތަމަ ފަނޑީޔާރު ވިދާޅުވީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދާ ހިލާފުވުމުގެ އެއްވެސް ޝަކުވާއެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައިނުވާ ކަމަށާއި، އަދި އެފަދަ މައްސަލައެއް ކޯޓުން ބަލަމުން ވެސް ނުދާ ކަމަށެވެ. އެހެންކަމުން ޑީޖޭއޭއިން އާތިކާ ސަސްޕެންޑްކޮށްފައި ވަނީ ޤަވާއިދުގައިވާ އިޖުރާއަތްތަކާ ހިލާފަށްކަން އެނގެން އެބަ އޮތް ކަމަށް އެބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް