ރަށްތަކުގައި އަޅުގަނޑުމެން އުންމީދު ނުކުރާ ކަންކަން އުފެދި އާލާވަމުން އަންނަ ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ލ. ފޮނަދޫގައި ބިނާކުރާ މިސްކިތެއްގެ ބިންގާ އެޅުމަށް އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުނެނެވެ.
"އެކަންކަމަކީ މައިގަނޑުގޮތެއްގައި އަޅުގަނޑުމެންގެ ވިސްނުމަށް މި އަންނަނީ ހަމައެކަނި ފުލުހުންނަށް ނުވަތަ ކައުންސިލަށް ނުވަތަ އިސްކޮށް ތިއްބަވާ ބޭފުޅުންނަށް ވާނެ ކަންކަން ކަމަށް، ނޫން މުޖްތަމައެއްގެ ތެރޭގައި އުފެދި އަށަގަންނަ ނޭތްގާނީ ކަންކަމަކީ އަޅުގަނޑުމެން އެންމެން އެކުވެގެން ހުއްޓުވާ އެކަން ހެޔޮ ބަދަލު ގެންނަން ޖެހޭ ކަންކަން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތުން ސުކޫލާ، އޭގެ ކުރިން މައިންބަފައިންނާ ސަރުކާރުގެ މުއައްސަސާތަކާ އަދި ޖަމިއްޔާ ޖަމާއަތްތަކާ ހުރިހާ ފަރާތްތައް އެކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ މުޖްތަމައުގެ ތެރޭގައި އުފެދިގެންދާ ނޭއްގާނީ ކަންކަން ހުއްޓުވި ނުވަތަ އެކަންކަން ދުރުކުރެވި މުޖްތަމައު އަމާން ސުލްހަވެރި ތަނަކަށް ހެދޭނެ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އެހެންވެ މުޖްތަމައުގެ އަމާންކަމާ ސުލްހަވެރިކަމާ މުޖްތަމައުގެ އެއްބައިވަންތަކަމަށްޓަކައި އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް ދިރުވުން އެއީ އަޅުގަނޑުގެ ހަމަ އަބަދުވެސް އިލްތިމާސް" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ލޮބުވެތި މައިންބަފައިންނާ، ޕްރިންސިޕަލުންނާ ސްކޫލުގެ ޓީޗަރުންނާ މުއައްސަސާތަކުގެ އިސްވެރިންނާ ހުރިހާ އެންމެން ގުޅިގެން އަޅުގަނޑުމެންގެ މި ރަށްތައް ސުލްހަވެރި އަމާން ރަށްތަކަކަށް ހެދިއްޖެއްޔާ އޭގެ މައްޗަށް ދެން އަންނާނީ ފާގަތި ކަމާ އުފާވެރިކަމާ ތަނަވަސްކަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް