ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެ

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ކ. ތުލުސްދޫ ބޮނަސޭރާ، އުމ...

12 Nov 2019 | 19:32

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ ކ. ތުލުސްދޫ ބޮނަސޭރާ، އުމުރުން 13 އަހަރުގެ އަންޖުން ޝަފީގެވެ.

މި ކުއްޖާ ނިޔާވީ ކުއްޖާގެ މަންމައާއެކު ސައިކަލުގައި ދަނިކޮށް ބުރިޖުން ހުޅުމާލެއަށް ފައިބާ މަގުގައި ފަހަތުން އައި ބަހަކުން އެ ސައިކަލުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އެކްސިޑެންޓް ވުމާއެކު އެ ކުއްޖާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

ފުލުހުން ބުނެފައިވަނީ މިރޭ 10:40 ހާއިރު ހުޅުމާލެ ނިރޮޅުމަގުން ހައިވޭއަށް އަރާ ހިސާބު ޓާމިނަލް ކައިރިން ސައިކަލަކާއި އެމްޓީސީސީ ބަހެއް ޖެހިގެން އެކްސިޑެންޓް ވެފައިވާކަމަށެވެ.

"މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 13 އަހަރުގެ އަންހެން ކުއްޖަކާއި 51 އަހަރުގެ އަންހެނަކަށް، އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް އަދި 13 އަހަރުގެ އަންހެން ކުއްޖާ ގެންގޮސްފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް" ފުލުހުން ބުނެފައިވެއެވެ.

13 އަހަރުގެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށާއި 51 އަހަރުގެ މީހާ ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓް ވުމުން ބަސް ވަނީ މަޑު ނުކޮށް ގޮސްފައި ކަމަށާއި އަދި ބަސް ހުއްޓުވާފައިވަނީ ހައިވޭ ޔޫޓާން ނަގާ ސަރަހައްދުން ކަމަށެވެ. ބަސް ދުއްވަން އިނީ 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ޑްރައިވަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމުގައިވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް