10 އަަހަރު އެކީގައި އުޅުމަށް ފަހު އަދިތިޔާ ލޯބިވެރިޔާ އާއި ކައިވެނި ކުރަނީ

އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑޮލްގެ ހޮސްޓް އަދިތިޔާ ނަރަޔަން ވެސް މިއަހަރު ކައިވެނި ކުރާނެ ކަން އިއުލާނުކޮށްފި އެވެ. އަދިތިޔާ މިއަހަރު ކައިވެނި ކުރާކަން ހާމަކޮށްފައި މިވަނީ އިންޑިއަ...

13 Oct 2020 | 04:33

އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑޮލްގެ ހޮސްޓް އަދިތިޔާ ނަރަޔަން ވެސް މިއަހަރު ކައިވެނި ކުރާނެ ކަން އިއުލާނުކޮށްފި އެވެ.

އަދިތިޔާ މިއަހަރު ކައިވެނި ކުރާކަން ހާމަކޮށްފައި މިވަނީ އިންޑިއަން އައިޑޮލް ޕްރޮމޯޓު ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސީޒަންގައި އެ ޝޯގެ ޖަޖު ނޭހާ ކައްކަރާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދައްކައި މީހުންގެ ސަމާލުކަން ހޯދާފައި ވަނިކޮށެވެ. އަދިތިޔާގެ އިތުރުން ނޭހާވެސް ވަނީ މި މަހުގެ ތެރޭގައި ކައިވެނި ކުރާކަން އިއުލާނު ކޮށްފައި އެވެ.

އަދިތިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގެ ބަތަލާ ޝްވެތާ އަގަރްވާލް އާއި އެވެ. އަދިތިޔާ މީޑިއާގައި ބުނީ އެ ދެމީހުން ދިމާވީ މީގެ 10 އަހަރު ކުރިން ފިލްމު "ޝާޕިތް" ގެ ސެޓުން ކަމަށެވެ.

ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ލޯތްބައް ބަދަލުވެ އެކުގައި އުޅޭތާ މިހާ ގިނަ ދުވަސްވީ އިރުވެސް ގުޅުން ރަސްމީކޮށް ހާމަނުކޮށް، ސިއްރު ކޮށްގެން އުޅުނީ ދެ މީހުންގެ ކެރިއަކަށް އިސްކަން ދިނުމަށް ކަމަށް އަދިތިޔާ ބުނެފައިވެ އެވެ. އަދި މިހާރު ދެ މީހުންގެ ގުޅުން ހާމަ ކުރަން ނިންމީ ދެ މީހުންގެ އުމުރު ކައިވެނި ކުރާ އުމުރަށް ގޮސްފައިވާ ކަން ގަބޫލު ކުރެވޭތީ ކަމަށެވެ.

އަދިތިޔާ ބުނީ އެ ދެމީހުންގެ ކައިވެންޏަށް އޭނާގެ މައިންބަފައިގެން ރުހުން ލިބިފައިވާ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކުރާނެ ކަމަށް ބުންޏެވެ.

ނޭހާ ކައިވެނި ކުރަނީ މަޝްހޫރު މިއުޒިޝަން ރޯހަމް ޕްރީތް ސިންގް އާއި އެވެ. މި ދެ މީހުންގެ ލޯބީގެ ގުޅުމާއި ގުޅޭގޮތުން މާގިނަ މައުލޫމާތު އާންމު ނުވިނަމަވެސް ދެ މީހުން ބައްދަލުވެ ލޯބީގެ ގޮތުން ގުޅުނީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައި އޮތް ދުވަސް ވަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް