ސިލްސިލާ ވާހަކަ: ޒާރާ - ތިރީސް އަށްވަނަބައި

''މި ދަރިފުޅުގެ މަންމަ އަށްވެސް ކިޔަނީ ނާޒިމާ..... އަހަރެމެން ދެބަފައިންގެ ނަސީބު ދެރަކަމުން ނާޒިމާ އަހަރެމެނާ ވަކިވެއްޖެ....... އަބަދުގެ އަބަދަށް...... ވަކިވެއްޖެ....... މި ބޮޑު އަމާނާތް އަހަންނާ ހަވ...

13 Oct 2020 | 01:42

''މި ދަރިފުޅުގެ މަންމަ އަށްވެސް ކިޔަނީ ނާޒިމާ..... އަހަރެމެން ދެބަފައިންގެ ނަސީބު ދެރަކަމުން ނާޒިމާ އަހަރެމެނާ ވަކިވެއްޖެ....... އަބަދުގެ އަބަދަށް...... ވަކިވެއްޖެ....... މި ބޮޑު އަމާނާތް އަހަންނާ ހަވާލު ކުރުމަށްފަހު އަހަރެން ދޫކޮށް ނާޒިމާ ހިނގައްޖެ ...... މިއީ އަހަރެމެންގެ އަލަތު ދަރިފުޅު...... އެތައްފޮނި އުންމީދުތަކެއް ގުޅިފައިވަނީ މިދަރިފުޅާ.... އެހެނަސް އަހަރެމެން ދެމަފިރިން ތަދުބީރު ކުރަމުންއައި ހުރިހާ ކަމެއް  ތަޤްދީރުގެ އަތުން ބަދަލުކުރުވައިފި......'' ހާމިދުގެ އަޑު ކުރެހިއްޖެއެވެ. ލޮލުން ކަރުނަ ފާއްދާލިއެވެ.

''އަހަރެން އެހީވެދީފާނަން ...... ތިކޮޅުން ބޭނުމިއްޔާ...... މިބުނީ ދަރިފުޅު ބަލައިދީފާނަމޭ..... ކުރިން ދެކައިވެނި ކޮށް ދަރިއަކު ލިބުމުގެ އުފަލެއް ނުލިބި ކައިވެނި ރޫޅިފައިހުރި ނިކަމެތި އަންހެނެއް އަހަރެންމީ..... އަޅާލާނެ އެއްވެސް މީހަކުނެތް.....'' ނާޒިމާ ހާމިދު ދެނެގަންނާކަށް މާކަ ގިނައިރެއް ނުނެގިއެވެ. ހާމިދަކީ އެކުގައި އުޅެން ފަސޭހަވާނެ މީހެއްކަން ނާޒިމާ ދެނެގަތީ ނުހަނު އަވަހަށެވެ.

ހާމިދު އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ. އޭނާ ބޭނުންވަނީ ދަރިފުޅުގޮވައިގެން ހާމިދުގެ ދެމަފިރިންތިބި ހޮޓަލަށް ދާށެވެ. ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ދަރިފުޅު މެޔާލާ ބޮނޑިކޮށްލައިގެން ތެދުވިއެވެ. އެހާ ފަސޭހައިން ހާމިދު ދިޔަދޭކަށް ނާޒިމާ ބޭނުމެއް ނުވިއެވެ. އެހެންނޫނަސް ހާމިދުގެ އަންހެނުން ނިޔާވިކަން އެނގުނު ހިސާބުން ނާޒިމާ ބޭނުންވީ ހާމިދާ ގުޅުން ބަދަހިކުރާށެވެ. ހޮސްޕިޓަލުން އެތައް ފަހަރަކު ހާމިދުގެ ދެމަފިރިން ނާޒިމާއަށް ވަނީ ފެނިފައެވެ. އަދި އެ ދެމަފިރިންނާ ބެހޭ މައުލޫމާތުވެސް އެކި ގޮތްގޮތުން ނާޒިމާ ދިޔައީ ހޯދަމުންނެވެ. ހާމިދުގެ އަންހެނުން އެޑްމިޓްކުރިފަހުން އެމީހުންތިބި ވޯޑަށްވަދެ އެތައް ފަހަރަކު ނާޒިމާ ވަނެވެ. އެމީހުންގެ ވާހަކަތައް ސިއްރުން އަޑުވެސް އެހިމެއެވެ. އެހެންނަމަވެސް އެތަނަށް ވަދެނިކުމެވާ އެތައްބައެއްގެ ތެރެއިން އެދެމަފިރިންނަށް ނާޒިމާ ފާރަލާކަމެއް އެއްވެސް މީހަކަށް އެނގޭނީ ކިހިނެއްހެއްޔެވެ. އެއަށްވުރެ ނާޒިމާ މާ ހުޝިޔާރެވެ. އިންޑިޔާގައި އުޅޭތާ މަސްދުވަސްވީއިރު އެތައް އެތައް ދިވެހިންނެއް އޭނާގެ މަޅީގައި ވަނީ ޖައްސާފައެވެ. ދެކެފަރިތަ ދެމަފިރިއަކާއެކު މީގެ މަހެއްހާދުވަސްކުރިން އިންޑިއާއަށް ނާޒިމާ އައީ އަތުގައި އެންމެ ލާރިއެއްވެސް ނެތިއެވެ. އެދެމަފިރިން އެނބުރި ދިޔައިރު، ނާޒިމާ ނުގޮސްމަޑުކުރީ ރައްޓެހި އެހެންބަޔަކު އަތުއަޅުވާލުމަށްފަހުގައެވެ.

''ދަނީތަ.........ކޮންތާކު ހުންނަނީ.....'' ހާމިދު ދާން ހިނގަގަތުމުން ނާޒިމާވެސް ފަހަތުން ހިނގައިގަތެވެ.

''ހޮޓަލެއްގަ....'' ހާމިދު ދިނީ ކުރު ޖަވާބެކެވެ.

''ތިޔަހާކުޑަ ކުއްޖަކު ގޮވައިގެން ކިހިނެއް އެކަނި އުޅޭނީ...... ކާންވެސް ޖެހޭނެއެއްނު..... އަހަރެން ތިކުއްޖާ ގެންގުޅެން ވަރަށް ބޭނުން...... މިބުނީ އަހަރެން ބަލާދީފާނަމޭ މާލެ ދެވެންދެން....... ބަދަލުގަ އަހަންނަށް ހުރެވޭނެގޮތް ހަމަޖައްސާދިނީމަ ނިމުނީ........ ޑޮކްޓަރަށް ދައްކާ ނުނިމޭތީ އަދި ފުރޭކަށް ނެތް........ އެކަމަކު އަހަންނާއެކު އައި ދެމަފިރިން މާދަމާ ފުރާނެ..... އެހެންވެ މިބުނީ......... އަހަރެން މީ ވަރަށް ނިކަމެތި އެކަނިވެރި އަންހެނެއް..... ދެ ކައިވެނި ކުރެވުނު އިރުވެސް ދަރިއެއްގެ އުފަލެއް ނުލިބުނު.......އެންމެންވެސް އަހަރެން ދޫކޮށްލަނީ ދަރިއަކު ނުލިބޭތީ....... ތިކުއްޖާފުޅު ފެނިގެން މިއާދެވުނީވެސް އެހެންވެ....... އަހަރެން ކުޑަކުދިންދެކެ ވަރަށް ލޯބިވޭ....... ހެޔޮކަމެއްގެ ގޮތުގައި އަހަރެން ތި ދަރިފުޅު ބަލަން ބަހައްޓާދީ ފުރަންވަންދެން .....'' ނާޒިމާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އަޑު ކުރެހިއްޖެއެވެ.

ހާމިދަކީ އެހެންމީހުންގެ އިހްސާސްތައް ދަންނަ، އެހެންމީހުންގެ އިހްސާސްތަކަށް ޤަދަރުކުރާ ޒުވާނެކެވެ. އޭނާ ނާޒިމާއަށް އެހީވާންވެސް ބޭނުމެވެ. އަނެއްކޮޅުން ނާޒިމާ އެބުނަނީވެސް ތެދެކެވެ. ދަރިފުޅު ބަލަން ކޮންމެވެސް މީހެއްގެ އެހީތެރިކަން ބޭނުންވާނެއެވެ. ހާމިދު ވިސްނާލިއެވެ.

އެތައް ގޮތަކަށް ވާހަކަދައްކާ ހާމިދު ގާތުގައި އާދޭސްކުރުމުން އެންމެފަހުން ނާޒިމާއަށް ކާމިޔާބުވިއެވެ. ދަރިފުޅުބަލަން މުސާރަދީގެން ގެންގުޅޭ މީހެއްގެ ގޮތުގައި ނާޒިމާ ބެހެއްޓުމަށް ހާމިދު އެއްބަސްވީ ހީކުރިވަރަށްވުރެ އުނދަގުލުންނެވެ. ދަރިފުޅާއެކު ނާޒިމާ ބެހެއްޓުމަށް އިތުރު ކޮޓަރިއެއް ހާމިދު ހިފިއެވެ. ހާމިދުގެ ކޮޓަރިއާ ޖެހިގެންނެވެ. އެއް ހަފުތާފަހުން ހާމިދު ރާއްޖެ އައެވެ. ދަރިފުޅާއެކު ނާޒިމާވެސް ގޮވައިގެންނެވެ. ނާޒިމާއަށް އެކަންވީ ނިކަންބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަކަށެވެ.

އެއް އެޕާޓްމަންޓެއްގައި އުޅުނުކަމުގައި ވިޔަސް ނާޒިމާއާ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ފިޔަވައި މާގިނަ ވާހަކަދައްކައެއް ހާމިދު ނުދައްކައެވެ. ކެއްކުމާ ދަރިފުޅުބެލުން ފިޔަވައި އިތުރު މަސައްކަތެއްވެސް ނާޒިމާއަކާ ހާމިދު ހަވާލެއް ނުކުރެއެވެ. އޭނާގެ އެއްޗިހިދޮވުމާ އިސްތިރި ކުރުމުގެ އިތުރުން، އޭނާގެ ކޮޓަރި ސާފުކުރަނީ ހާމިދު އަމިއްލައަށެވެ. ނާޒިމާއަށް ކަނޑައެޅި އުޖޫރަ ބަރާބަރަށް އޭނާއަށް ދެއެވެ. ނުވިތާކަށް ހެދުމާ ރީތިވާސާމާނު ގަނެދެއެވެ. ނާޒިމާވެސް ދަރިފުޅު ބެލުމުގައި ފަރުވާކުޑައެއް ނުކުރެއެވެ. އަބަދުވެސް ދަރިފުޅު އޮންނަނީ ފެންވަރުވާ ރީތިކޮށްފައެވެ. ގަޑިން ގަޑިއަށް ބުއްފުޅިދެއެވެ. ބުއްފުޅިތައް ހޫނުފެނުގައި ކައްކައެވެ. ދަރިފުޅުގެ ތަކެތި ގެންގުޅެނީ ވަރަށް ސާފުތާހިރުކޮށެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ދަރިފުޅަށް ހަތަރުމަސް ފުރިއްޖެއެވެ. ދުލުން ބުނެލަން ފަސޭހައަކަސް ހަތަރުމަސްދުވަސް ހާމިދު ވޭތިކުރީ ހިތްދަތިކަމުގައެވެ. ދަރިފުޅުގެ މަންމަގެ ހަނދާންތަކާ އެންމެ ހިނދުކޮޅަކަށްވެސް ހާމިދަކަށް ވަތްކެއް ނުވެވެއެވެ. އެހެންނަމަވެސް ހާމިދަކީ ކެތްތެރި އިންސާނެކެވެ. ހާމިދުގެ މިހާރު އޮތީ އެންމެ އެދުމެކެވެ. ދަރިފުޅު ރަނގަޅުގޮތުގައި ބަލާ ބޮޑުކުރުމެވެ.  ދަރިފުޅަށް ރަނގަޅު ގޮތް ވުމެވެ. ދަރިފުޅަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާން ޖެހުނުކަމުގައިވިޔަސްމެއެވެ.

މާލޭގެ ދިރިއުޅުން ދޫކޮށް ރަށަށް ބަދަލުވާން ހާމިދު ނިންމީ، ރަށުގައި ހަދާނިމިފައިހުރި އޭނާގެ އަމިއްލަގޭގައި އުޅުން މާލޭގައި އުޅުމަށްވުރެ ހުރިހާގޮތަކުންވެސް ފަސޭހަވެފައި ރައްކާތެރި ވާނެތީއެވެ. އެއްކުރެވިފައިހުރި ފައިސާއިން ރަށުގައި ކުޑަ ފިހާރައެއް ހުޅުވާ، ގޭގައި ހުރެގެން އާމްދަނީ ހޯދަން ވިސްނީ ދަރިފުޅާއެކު ގިނަވަގުތު ހޭދަކުރުމުގެ ނިޔަތުގައެވެ. ނާޒިމާ ގާތުގައި ހާމިދު އެވާހަކަ ދައްކަން ނިންމިއެވެ. ނާޒިމާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ.

''ވަދޭ......'' ނާޒިމާގެ އަޑުއައެވެ. އެ ކޮޓަރީގައި އޭނާގެ ދެލޯފަދަ ލޯބިވާ ދަރިފުޅު އޮތަސް އެންމެ ފަހަރަކުވެސް ނާޒިމާގެ ހުއްދަ ލިބިގެން ނޫނީ ހާމިދު އެ ކޮޓަރިއަކަށް ނުވަދެއެވެ. ހާމިދު އެތެރެއަށް ވަނެވެ. އޭނު ނާޒިމާގެ އުނގުމަތީގައިއޮތް ބާލީހުގައި ދަރިފުޅު ނިދާލާފައި އޮތެވެ.

''ވާހަކައެއް ދަންކާލަން މިއައީ...... ވަގުތުކޮޅެއް ލިބިދާނެތަ.....'' ހާމިދު ހުރީ ދަރިފުޅާ ދިމާލަށް ބަލާށެވެ. އެ ބެލުމުގައިވަނީ ލޯތްބާއި ކުލުނެވެ.

ހާމިދު ދައްކަން އެއުޅެނީ ކޮން ވާހަކައެއް ބާވައެވެ. ނާޒިމާގެ ހިތް އަވަސްވެއްޖެއެވެ. އޭނާގެ ރޭވުން ކާމިޔާބު ވަނީބާވައެވެ. ނާޒިމާ ހިތާހިތުން ހިނިތުންވެލިއެވެ.

''ކޮންވާހަކައެއް......'' ކުޑައެދުގައި ދަރިފުޅު ބާއްވާލަމުން ނާޒިމާ ސުވާލުކޮށްލިއެވެ. ހާމިދު ނާޒިމާގެ މޫނަށް ބަލާލިއެވެ. ނާޒިމާވެސް ހުރީ ހާމިދުގެ މޫނަށް ބަލަންކަމުން ހަތަރުކަޅި ބައްދަލުވި ވަގުތު ނާޒިމާގެ ހިތް އުފަލުން ނަށާލިއެވެ. ހިތާހިތުން ހާމިދުގެ ރީތިކަމަށް ތައުރީފުކުރެވުނެވެ. ރީތިކަމާއެއްވަރަށް މަޑުމައިތިރި ވެފައި އޭނާ އޯގާތެރިވެސް މެއެވެ.

ހާމިދު ރަށަށް ބަދަލުވާން އުޅޭވާހަކަ އާއި ރަށުގައި ވިޔަފާރިއެއް ފަށަން ގަސްދުކުރާވާކަ ނާޒިމާ ގާތުގައި ބުންޏެވެ. ހާމިދުގެ އަމިއްލަ ގޭގެ ފޮޓޯތައްވެސް ނާޒިމާއަށް ދެއްކިއެވެ. ހާމިދު ދެކޭގޮތުގައި ނާޒިމާއަކީ ރަނގަޅު އަންހެނެކެވެ. އެހެންނޫންނަމަ އެހެން މީހެއްގެ ދަރިއެއް އެހާ ލޯބިން ބަލައެއް ނުދޭނެއެވެ. އެހެންނަވެސް ނާޒިމާގެ ހިތުގައިވާ ދަހިވެތިކަން އިންތިހާއަށް ބޮޑުވެގެން ދިޔަކަމަކަށް ނޫނީ އެކަން ނުވިއެވެ.  ޒަމާނީފެންވަރަށް ހަދާފައިވާ އެރީތިގެއާ އެ ބޮޑު ގޯތި ފެނުމުންނެވެ. ވިޔަފާރިއެއް ފަށަން ގަސްދުކުރާ ވާހަކަ ބުނުމުން ހާމިދަކީ ލާރިހުރި މީހެއްކަމާމެދު ކުރެވެމުން އައި ޝައްކު ޔަގީންވިއެވެ.

''ދެން ދަރިފުޅު ބަލާނީ ކާކު ރަށަށް ދިޔައިމަ......'' ނާޒިމާ ކުރީ އަބަދުވެސް އޭނާ ކުރަމުން އަންނަ ސުވާލެވެ. ހާމިދު އެންމެ ބޮޑަށް ވިސްނާނީ ދަރިފުޅާ ދޭތެރޭގައިކަން ނާޒިމާއަށް ރަނގަޅަށް އެނގެއެވެ. ހާމިދުގެ ބަލިފަޔަކީ އޭނާގެ ދަރިފުޅުކަން ނާޒިމާއަށް އޮޅިފައެއް ނެތެވެ.  މި ފުރުސަތުގެ ބޭނުން ހިފަންވީގޮތް ނާޒިމާގެ ސިނކުނޑީގައި މާކުރިއްސުރެވެސް ވަނީ ރާވާ ނިންމާލާފައެވެ. މި ދަނޑިވަޅުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ލިބިގަންނަން ނާޒިމާ ބޭނުމެވެ.

ނާޒިމާ ކުރި ސުވާލަށް ދޭނެ ޖަވާބެއް ހާމިދުގެ ކިބައިގައި ނެތް ކަހަލައެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ އިޚްތިޔާރުކުރީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަމުގައި ފޮރުވިފައިވާ މާނަ ދެނެގަންނަން ނާޒިމާ ބޭނުންވިއެވެ. ހާމިދުގެ ހިތުގައިވާ އެއްޗެއް ދެނެގަތުމަށްވުރެ މުހިއްމު އެހެންކަމެއް މިވަގުތު ނާޒިމާއަކަށް ނެތެވެ. އަދި އެ ހިތުން ޖާގައެއް ކަށަވަރު ކުރުމަކީ ނާޒިމާގެ އެންމެ ބޮޑު އެއް މަގުސަދެވެ.

''ކީއްވެ އެއްޗެކޭ ނުބުނީ....... އަހަރެން މި ކުޑަ ދަރިފުޅާ ދޭތެރޭގައި ވިސްނާތީ އެ ސުވާލު މި ކުރެވެނީ..... މިހެން މިކުއްޖާ ގޮވައިގެން އުޅެއުޅެ އަހަރެންގެ ހިތުގައި މިކުއްޖާއާ ދޭތެރޭ އުފެދިފައިވަނީ މައިވަންތަ ކަމުގެ ލޯބި..... އެއްގޮތަކަށްވެސް ޒާރާ އަށް ދެރައެއް ވާކަށް އަހަރެން ނޭދެން........އެހެންނޫނަސް މިހާރު މި ދަރިފުޅު އެހެންމީހަކަށް ނުވެސް ގެންގުޅެވޭނެ...... މިމަންޖެ އަހަންނާ ވަރަށް ދޯޅުވެއްޖެ........ޔަގީން އަހަރެން ނެތިއްޔާ ޒާރާ ރުއިންވެސް ހުއްޓާވެސްނުލާނެކަން....... '' ނަޒިމާ ބޭނުންވީ ހާމިދުގެ ދަރިފުޅަށް ނާޒިމާއާ ނުލާ ނޫޅެވޭނެކަން އަންގާށެވެ. ނާޒިމާއަކީ އެދަރިފުޅަށްޓަކައި ކިހާ  މުހިންމު މީހެއްކަން އަންގާށެވެ.

ހާމިދަށް ވިސްނާލަން މަޖުބުރުވީ ނާޒިމާ އެންމެފަހުން އެބުނި އެއްޗަކާމެދުގައެވެ.  ނާޒިމާ އެބުނި އެއްޗެއް ކިތަންމެ ރަނގަޅަކަށްވެސް އޭނާއަށް ގަބޫލުކުރެވުނެވެ.

''ޒާރާ އާ ދޭތެރޭގައި ވިސްނަބަލަ .......'' ނިދާފައި އޮތް ޒާރާގެ މޫނަށް ބަލަންހުރެ ނާޒިމާ ބުނެލިއެވެ. ބޭނުމަކީ ނާޒިމާ ބޭނުންވެގެން އުޅޭ ކަންތަކާ ދިމާއަށް ހާމިދުގެ ވިސްނުން އަނބުރާލުމެވެ. މަގްސަދަށް ވާސިލްވުމެވެ.

ޒާރާގެ ނަން ނާޒިމާގެ ދުލުން ކިޔާލާ ކޮންމެ ފަހަރަކު އޭނާގެ ލޯބިވާ އަންހެނުން މަތިން ހާމިދު ހަނދާން ވެއެވެ. ދަރިފުޅަށް ބަލިވެ އިންކަން އެނގުނު ހިސާބުން ދަރިފުޅަށް ކިޔާނެ ނަން ނާޒިމާ ހޯދިއެވެ. އަންހެން ކުއްޖެއް ވިއްޔާ ޒާރާއެވެ. ފިރިހެން ކުއްޖެއްވިޔާ ޒައިދެވެ. ލޯބިވާ އަނބިމީހާގެ ޚިޔާލު ތަކުގެ ތެރެއަށް ގެނބެމުން ދިޔަ ހާމިދަށް ހޭވެރިކަންވީ ގާތުގައިހުރި ނާޒިމާ ގޮވާލުމުންނެވެ.

''އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނެތީތާދޯ..... ވާނީވެސް އެހެން..... އަހަރެންމީ އެއްވެސް މީހެއް ނޫނެއްނު ހާމިދުގެ ދިރިއުޅުމުގެ ކަންތައްތަކާ ފާޑުކިޔަން........ '' ނާޒިމާ އިސްޖަހާލިއެވެ.

''އެހެނެއްނޫން..... ނާޒިމާތީ އަހަންނަށް ވަރަށް މުހިއްމު މީހެއް....... މިވަގުތު ނެތް އަހަރެންގެ ދަރިފުޅުފިޔަވާ ތިޔަށްވުރެ މުހިއްމު އެކަކުވެސް......'' ހާމިދު ޖުމްލަ އަޑުއިވުމާއެކު ނާޒިމާގެ ހިތް އުފަލުން ނަށާލިއެވެ. ހާމިދު އެބުނީ ކީކޭ ބާވައެވެ. ނާޒިމާ ދެކެ ގަޔާވާ ވާހަކަ ބާވައެވެ. ނޫނީ ނާޒިމާ ދެކެލޯބިވާ ކަން އަންގަން ހާމިދު ޖެހިލުންވަނީ ބާވައެވެ.

''ނާޒިމާ ދާނަންތަ އަހަންނާއެކު.....ރަށަށް......'' އެންމެފަހުން ނަޒިމާ ބޭނުންވި ސުވާލު ހާމިދުގެ ދުލުން ބޭރުވިއެވެ. ނާޒިމާގެ ހިތް އުފަލުން ފޮޅުނުކަހަލައެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް