މީގެފަހުން ފަނޑިޔާރަކު ގަޑި ޖެހި ނުވަތަ ހާޒިރުނުވެއްޖެނަމަ އެއީ ސުލޫކީ މައްސަލައެއް!

ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރު ނުވެވިއްޖެ ނަމަ ނުވަތަ ކޯޓަށް ހާޒިރުވާން ޖެހޭ ރަސްމީ ދުވަހެއްގައި އެއްވެސް ސަބަބަކާއި ނުލައި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެއީ ސުލޫ...

13 Oct 2019 | 12:05

ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރު ނުވެވިއްޖެ ނަމަ ނުވަތަ ކޯޓަށް ހާޒިރުވާން ޖެހޭ ރަސްމީ ދުވަހެއްގައި އެއްވެސް ސަބަބަކާއި ނުލައި ކޯޓަށް ހާޒިރު ނުވެއްޖެނަމަ އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލާ ގޮތަށް ފަނޑިޔާރުންގެ ހާޒިރީ އާއި ޗުއްޓީ ހަމަޖެއްސުމުގައި އަމަލުކުރާނެގޮތުގެ އުސޫލު މިއަދު ގެޒެޓުކޮށްފި އެވެ.

މިއަދު ގެޒެޓުކުރި އުސޫލުގައި ފަނޑިޔާރުންގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އެވެ. އަދި އެވަގުތުގެ ތެރެއިން އޮފީހަށް ހާޒިރުވާން ޖެހޭ ވަގުތު ކަމަށްވާ 8:30ގެ ފަހުން އެންމެ މިނެޓެއް ލަސްވި ނަމަވެސް އެއީ ގަޑިޖެހުން ކަމަށް ބަލާނެ ކަމަށް އުސޫލުގައިވެއެވެ.

މީގެއިތުރުން 30 ދުވަހުގެ ތެރެއިން 15 ދުވަހު ގަޑި ކޯޓަށް ގަޑި ޖެހިއްޖެ ނަމަ ނުވަތަ ޖައްސަ ޖައްސައިގެން ތިން ދުވަހު އޮފީހަށް ހާޒިރުނުވެއްޖެ ނަމަވެސް އެއީ ފަނޑިޔާރެއްގެ އަހްލާގީ މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. އުސޫލުގައި ބުނެފައިވަނީ އަހަރެއްގެ ތެރޭގައި 180 ދުވަހު ފަނޑިޔާރަކު ހާޒިރުނުވެއްޖެ ކަމަށްވާ ނަމަ އަދި 36 ދުވަހަށްވުރެ ގިނަ ދުވަހު ކޯޓަށް ހާޒިރުނުވެ ހުރެއްޖެ ކަމަށްވާ ނަމަ އެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލައި ދިނުމަށް އެދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖޭއެސްސީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އެކަން ޑީޖޭއޭގެ މައްޗަށް މި އުސޫލުގައި ވަނީ ކުރުން ލާޒިމް ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ނަމަވެސް އަމިއްލަ ބާރު ނުފޯރާ ކަމެއްގެ ސަބަބުން، ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން ނުވަތަ ކަނޑުގަދަވުން ފަދަ މަގުބޫލު އުޒުރެއްގެ ސަބަބުން ގަޑިއަށް ހާޒިރުނުވެވުމަކީ ގަޑިޖެހުން ކަމުގައި ނުބެލެވޭނެ ކަމަށް އުސޫލުގައިވެއެވެ. އަދި އެފަދަ ހާލަތެއްގައި އެ ފަނޑިޔާރު ކޯޓަށް ހާޒިރުވާން ޖެހޭ ގަޑި ކަނޑައަޅާނީ އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރެވެ.

މި އުސޫލުގައި ބުނެފައިވަނީ ފަނޑިޔާރުންނަށް ވެސް ކޮންމެ އަހަރަކު މުސާރަ ލިބޭގޮތަށް ސަލާމުގެ ޗުއްޓީ ގޮތުގައި ލިބޭނީ 30 ދުވަސް ކަމަށެވެ. ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމް ބުނާނަމަ އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހެއެވެ.

ސިއްހީ ސަބަބަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީއަކަށް ފަނޑިޔާރަކު އެދިއްޖެނަމަ މުސާރައާއި އިނާޔަތްތަކުގެ ދެބައިކުޅައެއްބައި ދޭގޮތަށް އެއް އަހަރަށް ވުރެ ދިގު ނޫން ޗުއްޓީއެއް ދެވިދާނެ އެވެ. އަދި އެ މުއްދަތު އިތުރުކުރަން ބޭނުންނަމަ އިތުރު ކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް މުސާރައާ އިނާޔަތެއް އޭރަކުން ނުލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް