އިންޑިއާ ވިޔަފާރިތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ "އިންޑިއާ އެކްސްޕޯ 2019" މިމަހުގެ 15 ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާ އެކްސްޕޯ 2019 އަކީ އިންޑިއާ ކުންފުނިތަކަށް ރާއްޖޭގެ މާކެޓުން ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ބާއްވާ އެކްސްޕޯ އެކެވެ. އަދި މި އެކްސްޕޯ މެދުވެރިކޮށް އިންޑިއާގެ އުފެއްދުންތައް ރާއްޖެ އަށް ދައްކައިލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ރާއްޖޭގައި ކުރިއަށް ދާނެ އެވެ.
އެސްއެމްއީ އެންޑް އެންޓްރަޕްރެނުއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން ބާއްވާ، މި ފެއާގެ ޕާޓުނަރުންނާއި އެކު މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ފެޑެރޭޝަންގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ، އެ އެކްސްޕޯގެ މައިގަނޑު މަގްޞަދަކީ ރާއްޖޭގެ މާކެޓަށް ޖޮއިންޓް ވެންޗާރ ވިޔަފާރިތައް ގެނެސް ފުޅާ ކުރުން ކަމަށެވެ. މިއީ ރާއްޖޭގައި ޕަބްލިކް ނެޓްވޯކެއް ގާއިމުކުރުމުގެ އަމާޒުގައި ބާއްވާ އެކްސްޕޯއެއް ކަމަށާއި، މިއެކްސްޕޯގެ ސަބަބުން އިންޑިއާގެ ވިޔަފާރިތަކުގެ ނެޓްވޯކެއް ރާއްޖޭގައި އުފެދިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި އެކްސްޕޯގެ ޕާޓުނަރުންނަކީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ރާއްޖެ ޓީވީ، ކޯޕަރޭޓް މޯލްޑިވްސް، ވަން އޮންލައިން، މޯލްޑިވްސް އިންސައިޑާ، ޝޭޑީ ކެބިން ރެންޓަލްސް، މޯލްޑިވްސް ބިޒްނަސް ރިވިއު އަދި އެބްސޮލިއުޓް ސެކިއުރިޓޯ އެންޑް އެޑްވާންސް ޕްރޮޓެކްޝަން އެވެ.
މި އެކްސްޕޯގެ ހުރިހާ ޕާޓުނަރުންނާއި އެކީ މިއަދު ސެފްއެމް އިން ވަނީ ސޮއިކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް