ޝިޔާމް ސިރާޖަށް: ހެޔޮ ވެރިކަމެއްގައި ދީނަށް ފުރައްސާރަކުރާ މީހުން މަތިވެރިވަނީތޯ؟

ހެޔޮވެރިކަމެއްގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަކީ މާ މަތިވެރި ބަޔަކަށް ވަނީތޯ ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖަށް ސުވާލު ކުރައްވައިފިއެ...

13 Oct 2019 | 08:33

ހެޔޮވެރިކަމެއްގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަކީ މާ މަތިވެރި ބަޔަކަށް ވަނީތޯ ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖަށް ސުވާލު ކުރައްވައިފިއެވެ.

ޝިޔާމް މިފަދައިން ސުވާލު ކުރެއްވީ ސިރާޖު ކުރައްވާފައިވާ ޓްވީޓަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ. ސިރާޖުގެ ޓްވީޓުގައި ޖަމިއްޔަތުލް ސަލަފަށް ފާޑު ވިދާޅުވަމުން ވިދާޅުވީ "ސަލަފް ޖަމިއްޔާގެ މުނާފިގުކަން ހުރި މިންވަރަކީ މާތްالله އަށް ދަރިން ނިސްބަތްކޮށް، ހިލޭ އަންހެނުން ފައިސާ ދީފިނަމަ ހިލޭ އަންހެނުންނަށް ނުވާނެ ކަމަށް ބުނި، އަނިޔާވެރި ޔާމީނަށް ރިޔާސީ އިންތިހާބުގައި ތާއީދުކޮށް، ކެމްޕެެއިން ކުރަންވީމާ ދީނަކާ ދީނެއް. އެއްވެސް މައްސަލައަކަށްވެސް ނުވި،" ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އެފަދައިން ވިދާޅުނުވާ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަނުން ވެރިކަމަށް އައީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ކަމަށެވެ. ހެޔޮވެރިކަމެއްގައި މާތްﷲ ވޮޑިގަންނަވާ ކަމަށް ސުވާލު އުފައްދަވާ އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް މަލާމާތް ކުރައްވާ ފަރާތްތައް މާ މަތިވެރި ވަނީތޯ ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ.

https://twitter.com/Shiyamaldives/status/1183220097814429697?s=20

ޝިޔާމް މިފަދައިން ވިދާޅުވިއިރު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކާއި ގުޅިގެން އެ ޖަމިއްޔާ ޔޫތު މިނިސްޓްރީން ވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ރޭ ސަރުކާރު ހިންގާ މައިޕާޓީން ވަނީ ޖަމިއްޔާތައް ހުއްޓުވާ ޖަމިއްޔާތައް އުވާލުމަކީ އެޕާޓީން ހިތްވަރުދޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އާއްމުން ރައްޔިތުންނާއި ދީނީ އިލްމުވެރިން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީއެންގެ އިސް ފަރާތްތަކަށް ފިޔަވަޅު ނާޅާތީ އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް