ޖަލުގައިހުރި ރަނގަޅުކުރަންޖެހޭ ކަންކަން އަމިއްލައަށް އިސްނަގައިގެން އިޞްލާހުކުރަން މަސައްކަތްކުރުމަށް ކަރެކްޝަން ސަރވިސަސްގެ އޮފިސަރުންގެ ކިބައިން ހޯމް މިނިސްޓަރ އެދިވަޑައިގެންފިއެވެ.
އެމަނިކުފާން މިކަމަށް އެދދިވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން މެދުފަންތީގެ މެނޭޖްމަންޓް އޮފިސަރުންނަށް އަމާޒުކޮށްގެން މިއަދު މާފުށި ޖަލުގައި ފެށި ފަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މިތަމްރީނު ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްގެ ފަރާތުން ކުރިއަށްގެންގޮސްދެއްވާ ތަމްރީނު ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ކިޔަވައިދެއްވަނީވެސް އެޖަމްއިއްޔާގެ ބޭފުޅުންނެވެ.
ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ތަމްރީނު ނިންމުމަށްފަހު ކޮންމެ އޮފިސަރަކުވެސް އަމިއްލައަށް އިސްނަގައިގެން ޖަލުގެ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އެމަނިކުފާން ވިދާޅުވީ މިފަދަ ތަމުރީނުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޖަލުތަކަކީ އިންސާނީ ކަރާމަތާއި އިއްޒަތް ނުގެއްލޭގޮތަށް ހިންގޭ ތަންތަން ކަމުގައި ހެދުންކަމަށެވެ. އެކިސަބަބުތަކަށްޓަކައި ބަންދުކުރަންޖެހޭ ފަރާތްތައް މުޖުތަމައުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ރިހިބިލިޓޭޓްކުރެވި މުޖުތަމައުއަށް ނެރުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންނާ ހަވާލުވެފައިވާ މަޞްޢޫލިއްޔަތަކީ ޤައުމަށްޓަކައި، ވަޠަނަށްޓަކައި، ޢާންމު ހަމަޖެހުމާއި، އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ވަރަށްވެސް މުޙިއްމު މަސައްކަތެއްކަމަށެވެ.
"މިފަދަ މަޞްޢޫލިއްޔަތެއް އަދާކުރުމުގައި ގެންގުޅެންވާނެ ސިފަތަކާއި، ހަމަތައް އަބަދުމެ ހަނދާނަށް ގެނެސް ވީހާވެސް އިންސާފްވެރިކަމާއި، ހަމަހަމަކަމާއެކު އިޙުސާންތެރިކަންމަތީ ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުންމަތީ ދެމިތިބުމަށް އަޅުގަނޑު ގޮވާލަން" އޮފިސަރުންނާ މުޚާތަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސްއާއެކު ރަނގަޅު މަސައްކަތްތަކެއްކޮށް، ޖަލުގެ ހާލަތު ރަނގަޅުކުރުމުގައި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސިސްޓަމް ރަނގަޅު ކުރުމުގައި ކުރިއެރުންތަކެއް ހޯދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް