ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ދޮރު ހަލާކުކޮށްލައިގެން އެ ފިހާރައިން ވައްކަންކުރަން އުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ރޭ 4:00 ހާއިރު ފުލުހުން ވަނީ ސޮނީ ސްޕޯޓްސްގެ ގްރައުންޑް ފްލޯރ އިން ދެ މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުން ފުލުހުން ހައްޔަރުކުރިއިރު އެތަނުން އެކަކު ހުރީ ކާކުކަން ނޭންގޭ ގޮތަށް ހެލްމެޓް އަޅައިގެން ކަމަށެވެ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެ ތެރޭގައި އެކަކު ވަނީ ފުލުހެއްގެ ގައިގާ ޖަހާ މާރާމާރީ ހިންގާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެމީހުންނަށް ފިހާރައިން އެއްވެސް އެއްޗެއް ނެގިފައިނުވި ނަމަވެސް، މިދެމީހުންގެ އަތުން ފިހާރައިގެ ދޮރު ހަލާކުކޮށްލުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ އާލާތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖެކެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި ދެމީހުން ދުއްވި ސައިކަލުގެ ނަން ބޯޑުގައި ޓޭޕް އަޅާފައި ހުރުމުގެ ސަބަބުން ފުލުހުން އެސައިކަލު ޗެއްކުރި އިރު އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށެވެ. އެސައިކަލު މިހާރު ފުލުހުން ވަނީ ޓޯވ ކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް