ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ސީ ލައިފުން 15،000 ޑޮލަރު ޖަމާކޮށްފައި މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަން ފަށަފައިފިއެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިސް އޮފިޝަލެއް "ދުވަސް"އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި ފްލެޓުތަކެއް އެޅުމަށް ކަމަށްބުނެ އެކި މީހުންގެ އަތުން ފައިސާ ނަގާ، ފިލާފައިވާ ސީލައިފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލަނީ އެއްވެސް ފަރާތަކުން މައްސަލައެއް ހުށަހަޅައިގެންތޯ ނުވަތަ އޭސީސީގެ އަމިއްލަ އިސްނެގުމުގެ މަތިންތޯއެއް އޮފިޝަލު ވިދާޅެއް ނުވެއެވެ.
ސީލައިފަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި 30،000 އެޕާޓުމަންޓު އެޅުމަށް ހަވާލުކުރި ކުންފުންޏެކެވެ. އެއީ 2014ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެ ކުންފުނިން ވަނީ އެޕާޓުމަންޓުތައް މީހުންނަށް ވިއްކުމަށްފަހު ފްލެޓު ނާޅާ ފިލާފައެވެ. ބައެއް މީހުންގެ އަތުން އެ ކުންފުނިން ވަނީ 50،000 ރުފިޔާ ނަގާފައެވެ.
އެ މައްސަލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސީލައިފާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ކޯޓަށް މި މައްސަލާގައި ކޯޓަށް ވެސް ގޮސްފައެވެ. މި މައްސަލާގައި ސީލައިފް ގްލޯބަލް އިން ފްލެޓް އެޅުމަށް ފައިސާ ދެއްކި ފަރާތްތަކަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުގެ ބޭރުން މިހާރު ވަނީ މައްސަލަ ހައްލު ކޮށްފައެވެ. ސީލައިފްގެ ފަރާތުން 180 އަށް ވުރެ ގިނަ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ އިރު އަދި މިހާތަނަށް އެކުންފުނިން އިމާރާތް ކުރާ އެއްވެސް ފްލެޓެއްގެ އަމަލީ މަސައްކަތެއް ނުކުރެއެވެ.
ސީލައިފުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލައެއް ބަލަމުން އަންނައިރު ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއްމިލިއަން ޑޮލަރު އެސްއޯއެފްއިން ޖަމާކުރި މައްސަލައިގެ ޝަރީއަތް ނިމިފައިވާއިރު މިހާރު އޮތީ ހުކުމް ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް