ޤަވާއިދާ ޚިލާފަށް ޕާކުކުރާނަމަ ޤަވާއިދާއި އެއްގޮތަށް ޓޯވކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް މިދިޔަ ހަފްތާ ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން ސްޓިކާ ޖެހި މިންވަރު އިތުރުވެއްޖެ އެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާ 759 އުޅަނދަކު ވަނީ ސްޓިކާ ޖަހައިފައެވެ. އެއީ މިހަގެ 5 ވަނަ ދުވަހުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭގެ ކުރީ ހަފްތާ ފުލުހުން ސްޓިކާ ޖަހާފައި ވަނީ 458 އުޅަނދުގައެވެ. އެ ހަފްތާ ފުލުހުން ވަނީ 105 އުޅަނދެއް ޓޯވ ކޮށްފައެވެ.
ޤަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފި ނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.
ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވކުރަން ފަށާފައިވާއިރު ވަނި ޚާއްސަ ސަރަހައްދުތަކެއްގައު ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވިގޮތުގައި، ބޮޑުތަކުރުފާނު މަގުގެ މެހެލި ގޯޅި ހިސާބާއި، އެމްޓީސީސީ ފެރީޓާމިނަލް ކުރިމަތިން ފެށިގެން އެމަގުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއާ ދެމެދުގެ ސަރަހައްދާއި، އަމީނީމަގު ބީއެމްއެލް ކަސްޓަމަރ ސަރވިސް ސަރަހައްދާއި، ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރެވޭ އުޅަނދުތައް ޓޯވ ކުރާނެ ކަމަށެވެ.
އަދި މި ނޫނަސް އެހެން ސަރަހައްދުތަކުގައި ވެސް އެފަދައިން ޕާކު ކުރާނަމަ އުޅަނދުތައް ޓޯވ ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ފުލުހުން ނިންމާފައި ވަނީ ސްޓިކާ ޖެހުމުން ވެސް ޤަވާއިދާ ޚިލާފަށް ޕާކުކުރުން މަދުވެފައި ނުވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް